ދުނިޔެ

ޕާކިސްތާން ޓީޗަރުން ސްކޫލަށް ދާއިރު ބަޑި ހިފައިގެން!

ދަރިވަރުންނާއި ޓީޗަރުންނަށް ތާލިބާން ހަނގުރާމަވެރިންގެ ނުރައްކާ ބޮޑުވެފައި ވާތީ އެ ގައުމުގެ ހުޅަނގު އުތުރުގެ ސަރަހައްދެއްގައި ޓީޗަރުން ސްކޫލަށް ދާއިރު ބަޑި ހިފައިގެން ދިއުމުގެ ހުއްދަ ދިނުމުން ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

މި މައްސަލާގައި ޕިޝާވަރު ސިޓީގައި ޓީޗަރުން ބޭއްވި މަޝްވަރާ ބަދަލުވުމެއްގައި ޓީޗަރުން ބުނެފައި ވަނީ އެ މީހުންގެ ވަޒީފާ އަކީ ދަރިވަރުންނަށް އުނގަންނައިދިނުން ކަމަށާއި ސަލާމަތީ ހިދުމަތް ފޯރުކޮށްދިނުން ނޫން ކަމަށެވެ. މި ސަރަހައްދުގެ ފުލުހުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ މިއީ ކޮންމެ ޓީޗަރަކު ބަޑި ހިފައިގެން ސްކޫލަށް ދިއުން މަޖުބޫރުކުރާ ނިންމުމެއް ނޫން ކަމަށެވެ.

ޕިޝާވަރުގައި މިގޮތަށް ހަމަޖެއްސުމަށް ތައްޔާރީތައް ވާން ފަށާފައި މި ވަނީ މި ސިޓީގައި މިދިޔަ މަހު ތާލިބާނުން ސްކޫލަކަށް ހަމަލާދީ 150 މީހަކު މަރާލި ހިތާމަވެރި ހާދިސާ އަށް ފަހުގަ އެވެ. އެ ހަމަލާގައި ގިނައިން މަރާފައި ވަނީ ކުޑަކުދިންނެވެ.

މިދިޔަ ހަފުތާގައި ވަނީ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގައި ވެސް ޓީޗަރުން ބަޑި ހިފައިގެން ސްކޫލަށް ދިއުމުގެ ހުއްދަ ދީ، ބަޑި ގެންގުޅުމުގެ ލައިސަންސް ދޫކުރަން ނިންމައިފަ އެވެ.

"މިގޮތަށް ހެދުމުގެ ވިސްނުމަކީ ހަނގުރާމަވެރިންގެ ހަމަލާއެއް އަތުވެއްޖެ ނަމަ، އެހީ ލިބެންދެން ހަނގުރާމަވެރިންނާ ކުރިމަތިލެވޭނެ ގޮތް ހަދައިދިންް،" ޕްރޮވިންސްގެ އިންފޮމޭޝަން މިނިސްޓަރު މުސްތަފާ ގަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީޗަރުން ބަޑި ގެންގުޅޭ ގޮތަށް ހަދަން ޖެހެނީ ސްކޫލްތަކަށް ހިމާޔަތް ދިނުމުގައި ފުލުހުންނަށް އަބަދު ނުތިބެވޭނެތީ ކަމަށެވެ. ނަމަވެސް ސިޔާސީ ފަރާތްތަކުންނާއި މީޑިއާ އާއި ޓީޗަރުން ބުނަމުން ދަނީ މިއީ ޓީޗަރުންގެ އަސްލު ޒިންމާއާ މުޅިން ފުށުއަރާ ގޯސް ނިންމުމެއް ކަމަށެވެ. ފާޑުކިޔުންތައް އަމާޒުވުމުން، ޓީޗަރުން ބަޑި ހިފައިގެން ސްކޫލަށް ދިއުުން މަޖުބޫރު ނޫން ކަމަށް ވަނީ ބުނެފަ އެވެ.

މިދިޔަ މަހު ގިނަ އަދަދެެއްގެ ދަރިވަރުން މަރާލި ހާދިސާ އަށް ފަހު، އެ ސްކޫލް ހުރި ސަރަހައްދުގެ ގިނަ ސްކޫލްތައް ފިނި މޫސުމުގެ ބަންދަށް ފަހު އަދިވެސް ނުހުޅުވަ އެވެ. -- ބީބީސީ