ފިނޭންސް މިނިސްޓްރީ

ހަރަދު ކުޑަކުރަން ގަނޑުކޮށް ބޭސް ގަންނަނީ

ހަރަދު ކުޑަކުރުމުގެ ގޮތުން ޑޮކްޓަރީ ބޭހާއި ސިއްހީ އެހެނިހެން ސާމާނު ބަލްކް ޕްރޮކިއުމަންޓް -- އެއްފަހަރާ ގަނޑުކޮށް -- ގަތުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭސް ވިއްކޭނެ އެންމެ މަތީ އަގު ތަންފީޒު ނުކުރެވެނީތީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަގު ކަނޑައެޅުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އާއި ފާމަސީތަކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އެކަން ނުފެށި އޮތް ނަމަވެސް ވަރަށް އަވަހަށް ބަލްކް ޕްރޮކިއުމަންޓްގެ މަސައްކަތްތައް ފެށިގެންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

"އަޅުގަނޑުމެންނަށް މި ފާހަގަވަނީ ހަމަ މެކްސިމަމް ރީޓެއިލް ޕްރައިޒް ގެނައުމުންވެސް އަޅުގަނޑުމެންނަށް މި ލިބޭ ފިސިކަލް ސޭވިން ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިންވެސް އަޅުގަނޑުމެންނަށް އެ ފިސިކަލް ސޭވިން ލިބޭކަން" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ޑިސެމްބަރު ނުވަތަ ޖެނުއަރީގައި ބަލްކް ޕްރޮކިއުމަންޓަށް ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެއާއެކު ގާތްގަނޑަކަށް 30 އިންސައްތައިގެ ހަރަދު ކުޑަ ކުރެވޭނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

ފުރަތަމަ އަމާޒަކީ ބަލްކް ޕްރޮކިއުމަންޓަށް ދިއުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އާސަންދަ ރިފޯމް ކުރުމުގެ ތެރޭގައި މެޑިކަލް ކޮންސިއުމަބަލްސް ހަރަދު ކޮންޓްރޯލްކުރުން ހިމެނޭ ކަމަށާއި ބަލްކް ޕްރޮކިއުމަންޓް ގެންނާނީ އޭގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ޑޮކްޓަރީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް މިދިޔަ މަހުގެ ތެރޭގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހެލްތު މިނިސްޓްރީން ނެރުނު ގަވާއިދު އިސްލާހުކޮށް، އަސާސީ ބޭސްތައް މިއަހަރުގެ މާޗް މަހުން ފެށިގެން ކޮންޓްރޯލް އަގުގައި ވިއްކަން ނިންމި އެވެ. އަސާސީ ބޭސްތައް ފިޔަވައި ދެން ހުރި ބާވަތުގެ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރާނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ކަމަށް ގަވާއިދުގައިވެ އެވެ. ނަމަވެސް މިހާތަނަށް ބޭހުގެ އަގު ކޮންޓްރޯލް ކޮށްފައެއް ނުވެ އެވެ.

ބޭހުގެ އަގު ބޮޑުވުމުގެ ސަބަބުން އާސަންދައިގެ ހަރަދުތައް އިތުރުވަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓްގައި އާސަންދަ ސްކީމަށް ކަނޑައަޅާފައިވަނީ 730 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް މިހާތަނަށް 1.3 ބިލިއަން ރުފިޔާ ވަނީ އާސަންދައަށް ހޭދަކޮށްފަ އެވެ.