ރައްޔިތުންގެ މަޖިލިސް

ޓީޖީއެސްޓީ އާއި ގްރީން ޓެކުހުން އެއް ބިލިއަން ނުލިބެ

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޓީޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު މިނިސްޓަރު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދުމަށް ކުރި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.

މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ލިޔުމުން މަޖިލީހަށް ދެއްވި ޖަވާބުގައި ވިދާޅުވީ ޓީޖީއެސްޓީގެ ޓެކްސް ފައިސާއިން 634.09 މިލިއަން ރުފިޔާ އަދި ޖޫރިމަނާގެ ގޮތުގައި 240.34 މިލިއަން ރުފިޔާއާއެކު ޖުމްލަ 872.44 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ.

ގްރީން ޓެކްސްގެ ގޮތުގައި 85.49 މިލިއަން ރުފިޔާގެ ޓެކްސް ފައިސާ ނުލިބިވާއިރު ޖޫރިމަނާގެ ގޮތުގައި 42.92 މިލިއަން ރުފިޔާއާއެކު ޖުމްލަ 128.41 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ.

މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ވަކިވަކި ރަށްރަށުން ފާއިތުވި އަހަރުތަކުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލު ވެސް ހިއްސާކުރައްވާފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 77.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 759.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު އާންމު ޖީއެސްޓީގެ 251.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް އާންމު ޖީއެސްޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ 389.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.