އަހުމަދު މަހްލޫފު

އައުޓްޑޯ ޖިމް ރާއްޖޭގެ މާހައުލަކާ ނުގުޅޭ: މަހްލޫފް

ރާއްޖޭގެ ރަށްރަށަށް އިންޑޯ ޖިމްގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށްދާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ އިންޑޯ ޖިމްގެ ސާމާނު މިއަހަރު ނުވަ ވަރަކަށް ރަށަށް ފޯރުކޮށްދޭނެ ކަމަށެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ އައުޓްޑޯ ޖިމަކީ ވަރަށް ހިތްގައިމު ވަރަށް ރަނގަޅު ކޮންސެޕްޓެއް ކަމަށާއި ނަމަވެސް ރާއްޖޭގެ މާހައުލަށް އެ ކޮންސެޕްޓް ކަމުނުދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މި މާހައުލަށް އޭތި (އައުޓްޑޯ ޖިމް) އެހާ ކަމަކު ނުދޭ. އަޅުގަނޑަށް ފެންނަނީ ބޮޑަށް ލޮނުގެ އަސަރު ކުރީމަ އެ އެއްޗެހި ބަލަހައްޓާ ހަދަން ދަތިވެ. މިކަހަލަ ކަންކަން ރަށްރަށަށް ދިޔައީމަ އެބަ ފެނޭ" މަހުލޫފު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ރަށެއްގައި ހުންނަ އައުޓްޑޯ ޖިމް ކޮންމެ ދުވަހަކު ބެލެހެއްޓުމަކީ ދަތި ކަމެއް ކަމަށެވެ.

އިންޑޯ ޖިމް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާ ވިދާޅުވީ އަންނަ އަހަރު އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބަޖެޓު ކުރެވިފައިވާ ރަށްރަށުގެ ތެރެއިން އިންޑޯ ޖިމަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭނެ ކަމަށެވެ. އެކަން ކުރާއިރު އިންޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާނެ އިމާރާތެއް ހުރުމަކީ އެކަން ކުރުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފު ވަނީ ފެލިދޫ އައުޓްޑޯ ޖިމް ސާމާނު މި މަސް ނިމުމުގެ ކުރިން ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.