މޯލްޑިވްސް ޕޮލިސް ސާވިސް

"ދަރިން އިންޓަނެޓް ބޭނުންކުރާ ގޮތާމެދު ބެލެނެވެރިން ސަމާލުވާންޖެހޭ"

ދަރިން އިންޓަނެޓް ބޭނުންކުރާ ގޮތްތައް ބަލައި އެކަންތައްތަކަށް ބެލެނެވެރިން އިތުރަށް ސަމާލުވުމަށް ފުލުހުންގެ ސައުތު ޕޮލިސް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް އިލްތިމާސް ކުރައްވައިފި އެވެ.

އައްޑޫ ސިޓީގެ ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝަމީމް ވިދާޅުވީ، ކުށުގެ ވެއްޓަށް ހުށަހެޅެމުންދާ 18 އަހަރު ނުފުރޭ ކުޑަކުދިންގެ އަދަދު ގިނަވަމުން ދާއިރު ގިނަ ފަހަރު އެކުދިން ކުށްތަކަށް ހުށަހެޅެނީ އިންޓަނެޓް މެދުވެރިކޮށް ވާހަކަދެއްކޭ މީހުންގެ ސަބަބުން ކަމަށެވެ.

"ގިނަ ފަހަރު ކުޑަކުދިންނަށް ކުށުގެ ވެއްޓަށް މި ވަދެވެނީ އިންޓަނެޓް ބޭނުންކޮށްގެން ކުޅޭ ގޭމްތައް ފަދަ އެއްޗިއްސުން ދިމާވާ މީހުންގެ ބަހަށް ހެއްލިގެން" ޝަމީމް ވިދާޅުވި އެވެ.

ކުށްތަކުގައި ޝާމިލްވާ ކުޑަކުދިންގެ އަދަދު މަދުކުރަން ބޭނުންނަމަ އެކުދިންގެ އުޅުން ގާތުން ބަލަންޖެހޭ ކަމަށާއި މިއީ ބެލެނެވެރިންނާއި މައިންބަފައިން ސަމާލުވެ އަދާކުރަންޖެހޭ ޒިންމާއެއް ކަންވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި މިފަދަ ގޭމުތަކުގެ ބޭނުންކޮށްގެން ކުޑަކުދިން ކުށުގެ ވެއްޓަށް ނެރުމުގެ މަސައްކަތް ކޮށްފައި ހުރިކަން" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ އައްޑޫގައި ކުށުގެ ނަންބަރުތައް މަދުކުރުމަށް ހާއްސަ އޮޕަރޭޝަންތަކެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން މިހާރަށް ވުރެ ބޮޑަށް ފުލުހުންނަށް ބޭނުންވާ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.