ރާއްޖޭގެ މީޑިއާ ތަކުގައި މަސައްކަތްކުރާ ނޫސްވެރިން ޝުއޫރު ފާޅުކުރުމަށް މިއަދު މާލޭގައި ބާއްވަން ހަމަޖެއްސި ހިނގާލުން ކުރިޔަށް ގެންދަން ފުރުސަތު ނުދޭނެކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން އަންގާފަައިވަނިކޮށް އެހިނގާލުން ކުރިޔަށް ގެންދަން މަސައްކަތް ކުރުމުން ފުލުހުން ވާނީ ހިނގާލުން ހުއްޓުވައި، ޝުއޫރު ފާޅުކުރުމަށް ފުރުސަތު ދީފައި ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ހިނގާލުމުގައި ބައިވެރިވި މީހުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅި ކަމަށެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ހަވީރު 16:30 ގައި މާލޭ އާޓިފިޝަލް ބީޗު ސަރަހައްދަށް ނޫސްވެރިން އެއްވެ މަޖީދީމަގުން ކުރިޔަށްދާން ހިނގައިގަތުމުން، އެމީހުން މަޖީދީމަގުން ހިނގާފައި ދިއުމުގެ ފުރުސަތު ފުލުހުން ދީފައި ނުވަނީ މިއަދަކީ ހަފްތާ ބަންދު ދުވަހަކަށް ވެފައި އާޓިފިޝަލް ބީޗްގައި ދުވަސްވީ މީހުންނަށް އަމާޒުކޮށް ހިންގަމުންދިޔަ ބޮޑު ހަރަކާތެއް ކުރިޔަށް ދިއުމުގެ އިތުރުން ހެންވޭރު ބޯޅަ ދަނޑުގައި ކުޑަކުދިންގެ ފުޓުބޯޅަ މުބާރާތެއް ހިނގަމުން ދިއުމުގެ ސަބަބުން އެސަރަހައްދަށް ގިނަ ބަޔަކު ޖަމާވަމުން ދިއުމާއި، މިފަދަ ހިނގާލުމެއް ކުރިޔަށްދާއިރު މަޖީދީ މަގުން ބޮޑު ސަރަހައްދެއް ބަންދުކުރަން ޖެހުމުން އެތައް ބައެއްގެ މިނިވަންކަމަށް ހުރަސްއެޅި އާންމު ދަތުރުފަތުރުގެ ނިޒާމަށް ދަތިތަކެއް ކުރިމަތި ވާނެތީ ކަމަށެވެ.
"ހަމަ އެހެންމެ މާލޭގެ މަޖީދީމަގަކީ އެންމެ ކާރޫބާރު ބޮޑު މަގުކަމަށްވެފައި ގިނަ ވަގުތުތަކަކަށް އެ މަގު ބަންދުވުމުން ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދަތިތަކެއް ފޯރާނެތީއެވެ. މިއަދުގެ ހިނގާލުން ކުރިޔަށް ގެންދަން ފުރުސަތު ނުދިން ނަމަވެސް ހިނގާލުމުގެ ބައިވެރިން މަޖީދީމަގު ހެންވޭރު ބޯޅަދަނޑު އިރުމަތީ ކަންމަތީގައި މަޑުކޮށް އެމީހުންގެ ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ފުލުހުން ވާނީ ދީފައެވެ." ބަޔާނުގައިވެ އެވެ.
މިއަދުގެ ހިނގާލުން އިންތިޒާމުކުރި ފަރާތުން ހިނގާލުން ނިންމާލަންދެން ފުލުހުންގެ ފަރާތުންވާނީ އެމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައި ކަމަށާއި އެގޮތުން އެސަރަހައްދުން ދަތުރުކުރަމުންދިޔަ ތަކެތީގެ ސަބަބުން އެމީހުންނަށް ނުރައްކަލެއް ކުރިމަތިވިޔަނުދިނުމާއި އެސަރަހައްދަށް ޖަމާވި މީހުންގެ ފަރާތުންވެސް ހިނގާލުމުގެ ބައިވެރިއަކަށް ނުރައްކަލެއް ކުރިމަތިވެދާނެފަދަ ކަމެއް ނުހިނގާނެ ގޮތަކަށް ފުލުހުން ވާނީ ކަންކަން އިންތިޒާމުކޮށް ރައްކާތެރިކަން ކަށަވަރުކޮށްދީފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކޮށްދެއްވައި މުޒާހިރާ ކުރުމާއި އިޙްހްތިޖާޖް ކުރުމުގެ ބަދަލުގައި މަޝްވަރާ ކޮށްގެން ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަން ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.