ހަބަރު

ނޫސްވެރިން ހައްޔަރުކުރީ މުޖުތަމައުގެ ސަލާމަތަށް: ފުލުހުން

  • ނޫސްވެރިން މުޒާހަރާ ކުރީ ގްރީންޒޯންގައި
  • 16 ނޫސްވެރިއަކު ހައްޔަރު ކުރި
  • މިރޭ މުއްދަތު މަޖިލިސް އޮންނާނެ

މިއަދު އިހުތިޖާޖުކުރި ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލާގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިހެން ބުނެފައިވަނީ، ނޫސްވެރިން ހައްޔަރުކުރި ސަބަބުން އަންގާ ވަކީލުންނަށްދިން ފޯމްގަ އެވެ.

ހަވީރާއި މިނިވަން ނޫސް، ވީނިއުސް، ރާއްޖެ ޓީވީ އަދި ސަންގް ޓީވީ ހިމެނޭ ގޮތުން 16 ނޫސްވެރިން ހައްޔަރުކޮށް މިހާރު ތިބީ ފުލުހުންގެ ބަންދުގަ އެވެ. ނޫސްވެރިންގެ ބަންދަށް މުއްދަތު ޖެހުން މިރޭ ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.

ހަވީރު ނޫހާއި މިނިވަން ނޫހުގެ ނޫސްވެރިން އިސްނަގައިގެން ފެށި މި އިހުތިޖާޖުގައި ރާއްޖޭގެ މީޑިއާތަކުގެ ގިނަ ނޫސްވެރިން ބައިވެރިވެ އެވެ. މި އިހުތިޖާޖަކީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ގެއްލެމުންދާ ހައްގުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އަޑުއުފުލާ ކުރި އިހުތިޖާޖެކެވެ. އިހުތިޖާޖު ފުރަތަމަ ފެށީ މީޑިއާ ކައުންސިލް ކުރިމަތިންނެވެ. އަދި އެއަށް ފަހު ނޫސްވެރިން ޝުއޫރުފާޅު ކުރަމުން ގޮސް މަޖީދީ މަގުން އަލިކިލެގެފާނު މަގުން މުލިއާގެ ކައިރިން ގޮސް ނޫސްވެރިން ވަނީ ރައީސް އޮފީސް ކުރިމައްޗަށް އެއްވެ ޝުއޫރުފާޅު ކޮށްފަ އެވެ.

ރައީސް އޮފީސް ކައިރިއަށް ނޫސްވެރިން އެއްވުމުން އެ ސަރަހައްދުން ނޫސްވެރިން ފޮނުވާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން ޕެޕާ ސްޕްރޭ ޖަހާ ނޫސްވެރިން ފަހަތަށް ޖައްސާފައިވާއިރު ސިފައިން ވެސް ވަނީ ނޫސްވެރިން ފަހަތަށް ޖެއްސުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވެފަ އެވެ.

ނޫސްވެރިންތަކެއް ހައްޔަރުކުރި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރާއްޖޭގައި ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ވެސް ދަނީ ބުނަމުންނެވެ.