ނޫސްވެރިންގެ އިހުތިޖާޖު ހުއްޓުވުމަށް ފުލުހުން ބޭނުންކުރީ އެންމެ ކުޑަ މިންވަރުގެ ބާރު ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ. ފުލުހުން ބުނީ މިއަދު ހިނގައިދިޔަ ހާދިސާއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތަކުން ބޭރުން އަދި ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މަސައްކަތުގެ ބޭރުން ގެންދިޔަ ހަރަކާތެއްގެ ތެރެއިން ހިނގި ހާދިސާއެއް ކަމަށެވެ. އަދި މިއީ ނޫސްވެރިކަމުގެ ކަންކަން ބަލަހައްޓަން ގާނޫނީ ގޮތުން ހަވާލުކޮށްފައިވާ މުއައްސަސާތަކުން ކަންކަމުގައި ޒިންމާދާރު ގޮތެއްގައި މަސައްކަތް ކޮށްފިނަމަ ހުއްޓުވޭނެ ކަންކަން ކަމަށެވެ.
ނޫސްވެރިންގެ ހައްގުތައް ހޯދުމަށްކަމަށްް މާލޭގައި މިއަދު ބޭއްވި އެއްވުމުގެ ތެރެއިން ނޫސްވެރިންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ސަލާމަތީ ގޮތުން ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ހުރަސްކޮށް، ގާނޫނީ ގޮތުން އެއްވުން މަނާ ސަރަހައްދަކަށް އެއްވެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ގާނޫނާ ހިލާފު އަމަލުތައް ހިންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މިއަދުގެ އެއްވުމާއި ގުޅިގެން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ. މިއަދުގެ އެއްވުމުގައި ހައްޔަރުކޮށްފައިވަނީ ހަތް އަންހެނުންނާއި 12 ފިރިހެނުންނެވެ.
"މިއަދުގެ އެއްވުމުގައި ނޫސްވެރިން ހިޔާލު ފާޅުކުރުމަށް ފުލުހުން ފުރުސަތު ދީފައިވަނިކޮށް އެއްވުމުގެ ބައިވެރިންވަނީ ސަލާމަތީ ގޮތުން ފުލުހުން ބަހައްޓާފައިވާ ބެރިކޭޑް ހުރަސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ދާން މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަހައްދަކީ ގާނޫނީ ގޮތުން އެއްވުން މަނާ ސަރަހައްދެއްކަން އެނގިތިބެ އެސަރަހައްދަށްގޮސް މިއަދުގެ އެއްވުމުގެ ބައިވެރިން ވަނީ ރައީސް އޮފީސް ކުރިމަތީ އެއްވެގެން ތިބެ އިހުތިޖާޖް ކޮށްފައެވެ. އަދި އެސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް އެންގުމުންވެސް އެސަރަހައްދުން ނުގޮސް އެއްވުމުގެ ބައެއް ބައިވެރިން ވަނީ ފުލުހުންގެ ދައުރަށް ހުރަސް އަޅާފައެވެ،" ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މިއަދުގެ އެއްވުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރަން ފެށުމުން އެއްވުމުގައި ބައިވެރިވި ބައެއް މީހުން ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނާ ކުރިމަތިލާން މަސައްކަތް ކޮށްފަ ކަމަށާއި އެއްވުމުގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް އެ ސަރަހައްދުން ގޮސްފައިނުވާތީ ފުލުހުން ވަނީ ހާލަތާ އެކަށޭނަ އެންމެ ކުޑަ މިންވަރުގެ ބާރުގެ ބޭނުންކޮށް އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލާފަ ކަމަށް ފުލުހުން ބުންޏެވެ.
"މިފަދަ ހާދިސާތައް ކުރިމަގުގައި ތަކުރާރު ވިޔަ ނުދިނުމަށް މީޑިއާގެ ޒިންމާދާރު ފަރާތްތަކުންނާއި މީޑިއާތަކުން މަސައްކަތްކޮށްދެއްވައި މުޒާހިރާ ކުރުމާއި އިހުތިޖާޖް ކުރުމުގެ ބަދަލުގައި މަޝްވަރާ ކޮށްގެން ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަން ދެއްވުމަށް މިފުރުސަތުގައިވެސް އިލްތިމާސް ކުރަމެވެ،" ފުލުހުން ބުންޏެވެ.