ބަހުރޭނާއެކު މިއަދު ކުޅުނު މެޗު 1-1އިން އެއްވަރުވެ، ބަންގް ބަންދު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ރާއްޖެ ސެމީ ފައިނަލަށް ދިއުމުން ނޭޕާލާ ވާދަކުރަން ޖެހިއްޖެ އެވެ.
ސެމީ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު އެވެ.
މިއަދުގެ މެޗުގައި ރާއްޖެ އަށް ލަނޑު ޖަހައިދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. ބަހުރޭނަށް އެއްވަރުކޮށްދިނީ ފަހު ހާފުގައި ކީޕަރު މުހައްމަދު ފައިސަލްގެ ބޯމަތިން ގޯލަށް ފޮނުބާލި ބޯޅައަކުން އަންވަރު އަލީ އެވެ.
ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ރާއްޖެ މުބާރާތުގެ ސެމީ އަށް މިދިޔައީ ފުރަތަމަ މެޗުގައި ކެމްބޯޑިއާ 3-2އިން ބަލިކޮށް ދެ ވަނަ މެޗުގައި ބަނގްލަދޭޝްގެ ޒުވާން ޓީމު 2-0އިން ބަލިކޮށްފަ އެވެ. ރާއްޖެ ހިމެނުނު ގްރޫޕުން ސެމީ އަށް ނުގޮސް ކެޓީ ބަނގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާއި ކެމްބޯޑިއާ އެވެ. ގްރޫޕުގެ ދެ ވަނަ ޓީމުގެ ސެމީ އަށް ދިޔައީ ބަހުރޭނެ އެވެ.
އެ ގައުމު ސެމީ ފައިނަލުގައި ވާދަކުރާނީ ބަނގްލަދޭޝްގެ ސީނިއާ ޓީމާއެވެ. ގްރޫޕް އޭއިން ސެމީ އަށް ނުގޮސް ކެޓީ ސްރީލަންކާ އާއި އެންމެ ފަހުގެ ޗެމްޕިއަން މެލޭޝިޔާ އެވެ.