ރައީސް އޮފީސް

ވަކި ލިސްޓަކަށް ފްލެޓާއި ގޯތި ނުދޭނަން: މިއުވާން

މި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމްގައި ވަކި މީހަކު ފޮނުވާ ލިސްޓަކަށް ފްލެޓާއި ގޯތި ދޫނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަމަށެވެ.

"ވަކި މީހަކު ފޮނުވި ލިސްޓަކަށް ނޫނީ ވަކި ތަނަކުން ފޮނުވާ ލިސްޓަކަށް މިފަހަރު ހަމަ ގައިމުވެސް ފްލެޓްތަކެއް ނުވަތަ ގޯއްޗެއް ނުދޭނެ" މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ނިމި ފްލެޓްތަކަށް ރައްޔިތުންނަށް ވަދެވޭވަރު ވާނެ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެތަންތަނުގައި ފުރިހަމަވެފައި ހުންނާނެ ކަމަށެވެ.

ފްލެޓާއި ގޯއްޗަށް ހުށަހެޅި ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ތަފްސީލު ޕްލޭނިން މިނިސްޓްރީން ފަހުން ހާމަކުރާނެ ކަމުގައި މިއުވާން ވިދާޅުވި އެވެ.

މި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 35،861 ފޯމު ހުށަހަޅާފައިވެ އެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.