މިނިސްޓްރީ އޮފް ޓޫރިޒަމް

1.27 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.27 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ މިއަހަރުގެ ޖެނުއަރީ އިން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދެވެ.

މިހިނގާ އޮކްޓޯބަރު މަހު އެކަނިވެސް 88،611 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ ފާއިތުވި ތިން އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 82،863 ފަތުރުވެރިންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަން ހީނަރުވެގެންދިޔަ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ މިމުއްދަތުގައި ރާއްޖެ އައީ 12،010 ފަތުރުވެރިންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތުގައި ރާއްޖެ އައީ 85،488 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް އެވަރެޖްކޮށް ކޮންމެ ދުވަހަކު 4،664 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެންމެ ކުރީގައި އޮތީ އިންޑިއާ އެވެ. އެގައުމުން މިއަހަރު 180،255 ފަތުރުވެރިން ޒިޔާރަތްކުރިއިރު މާކެޓްގެ ދެވަނައިގައި އޮތް ރަޝިއާއިން ރާއްޖެ އައީ 155،490 ފަތުރުވެރިންނެވެ.

އެންމެ ގިނަ ޓޫރިސްޓުން އައި އެހެން ގައުމުތައް

  • އިނގިރޭސިވިލާތް: 139،788
  • ޖަރުމަނު: 103،828
  • އިޓަލީ: 72،108
  • އެމެރިކާ: 60،345
  • ފްރާންސް: 37،005
  • ސްޕެއިން: 33،598
  • ސައުދީ އަރަބިއްޔާ: 28،431
  • ސްވިޓްޒަލެންޑް: 26،778

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާން 2025 – 2023" ގައި ލަފާކޮށްފައިވާ ގޮތުގައި މިއަހަރު އެންމެ ރަނގަޅު ހާލަތުގައި 1،751،186 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ އެވެ.

އެ މިނިސްޓްރީން މިހާރު ލަފާކުރަނީ މޮޑަރޭޓް ހާލަތުގައި 1،625،648 ފަތުރުވެރިން އަދި ގޯސް ހާލަތުގައި 1،486،772 ފަތުރުވެރިން އަންނާނެ ކަމަށެވެ.