ޓޫރިސްޓް އެރައިވަލް

މާފަރު އެއާޕޯޓުން 2،812 މީހުން ރާއްޖެ އެތެރެވި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް [ވީއައިއޭ] އަށްފަހު މިދިޔަ އަހަރު އެންމެ ގިނަ މީހުން ރާއްޖެއަށް އެތެރެވީ އެއާޕޯޓަކަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީން ވަނީ މިދިޔަ އަހަރު ވީއައިއޭ އިން ރާއްޖެ އެތެރެވި އަދި ފުރި ދިވެހިންނާއި ބޭރު މީހުންގެ އަދަދު ހާމަކޮށްފަ އެވެ. އެހެން އެއާޕޯޓްތަކުގެ ތަފާސްހިސާބުގެ ގޮތުގައި ހާމަކޮށްފައިވަނީ އެ އެއާޕޯޓްތަކުން ރާއްޖެ އެތެރެވި އަދި ފުރި ބޭރު މީހުންގެ އަދަދުތަކެވެ.

ވީއައިއޭ އިން މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަނަށްވުރެ ގިނަ މީހުން އައިސްފައިވެ އެވެ.

ރާއްޖޭގެ އެއާޕޯޓްތަކުގެ ތެރެއިން ދެން އެންމެ ގިނަ މީހުން ރާއްޖެ އައިސްފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ އެއާޕޯޓުން މިދިޔަ އަހަރު 2،812 މީހުން ރާއްޖެ އެތެރެވިއިރު 1،865 މީހުން ރާއްޖެއިން ފުރާފައިވެ އެވެ.

ރާއްޖެއިން ބޭރުން ދެން އެންމެ ގިނަ މީހުން ރާއްޖެ އައީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ އެއާޕޯޓުން 945 ބޭރު މީހުން ރާއްޖެ އައިއިރު 874 ބޭރު މީހުން ރާއްޖެއިން ފުރާފައިވެ އެވެ.

ކުޑަހުވަދޫ އެއާޕޯޓަށް ރާއްޖެއިން ބޭރުން 138 ބޭރު މީހުން އައިއިރު 103 ބޭރު މީހުން ރާއްޖެއިން ފުރާފައިވާ ކަމަށްވެސް ތަފާސްހިސާބުތައް ދައްކަ އެވެ.

މިހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު މާމިނގިލި އިންޓަނޭޝަނަލް އެއާޕޯޓަށް 32 ބޭރު މީހުން ރާއްޖެއިން ބޭރުން އައިސްފައިވެ އެވެ. އަދި ރާއްޖެއިން ބޭރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް 25 ބޭރު މީހުން އައި ކަމަށްވެސް ތަފާސްހިސާބުތައް ދައްކަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މާލޭ ސީޕޯޓުން މިދިޔަ އަހަރު 28 ފަތުރުވެރިން ރާއްޖެ އެތެރެވިއިރު ސ. ހިތަދޫ ސީޕޯޓުން 419 ފަތުރުވެރިން ރާއްޖެ އެތެރެވެފައިވެ އެވެ.