"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ސަސުރާލް ސިމަރް ކާ"ފަދަ ސިލްސިލާތަކުގައި މުހިއްމު ބައިތަކެއް ކުޅެފައިވާ 29 އަހަރުގެ ޒުވާން ވައިޝާލީ ޓައްކަރް މަރުވުމުން ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ވަރަށް ބޮޑު ހިތާމައެއް ވަނީ ލިބިފަ އެވެ.
އޮކްޓޯބަރު 15 ވަނަ ދުވަހު ވައިޝާލީ މަރުވީ އަމިއްލައަށް ކަމަށް މިހާތަނަށް ފުލުހުން ކުރި ތަހުގީގުން ވަނީ ހާމަވެފަ އެވެ.
ވައިޝާލީ މަރުވުމުގެ ކުރިން ލިޔެފައިވާ ނޯޓެއްގައި އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މިހާރު ވެސް އޭނާގެ އަވަށްޓެރިއެއްގެ ގޮތުގައި އޭނާގެ ގެޔާއި ވަރަށް ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅޭ ރާހޫލް ނަވްލާނީ އާއި ރާހޫލްގެ އަންހެނުން ދިޝާ، އޭނާއަށް ގިނަ ގުނަ އުނދަގޫތައް ކުރިމަތިކުރަމުން ދިޔަކަމަށް ލިޔެފައި ވެއެވެ. އަދި އެ ދެ މީހުންނަށް ހައްގު އަދަބު ދިނުމަށް އެދިފައި ވެއެވެ.
ދިޝާ މަރުވުމުގެ ކުރިން އޭނާގެ ދެ ލޯ އިންސާނިއްޔަތަށް ހަދިޔާކުރަން ބޭނުންވާކަން ހާމަކޮށްފައި ވެއެވެ. އެހެންވެ އޭނާގެ މައިންބަފައިން ވަނީ އޭނާގެ އެންމެ ފަހުގެ މި ވަސިއްޔަތް ވެސް ފުރިހަމަކޮށް އޭނާގެ ދެ ލޯ ހަދިޔާކޮށްފަ އެވެ.
"ވައިޝާލީ އަބަދުވެސް އޭނާގެ ދެ ލޯ ދެކެ ވަރަށް ލޯބިވާނެ. އަދި އަބަދު ބުނާނެ މަރުވީމަ ލޯ ޑޮނޭޓްކުރަން ބޭނުމޭ. ކަން ދިމާކުރި ގޮތުން އޭނާ މަރުވީ ވަރަށް ޅަ އުމުރުގައި. އެހެންވެ އޭނާގެ ޖަނާޒާ ބާއްވައި އަންދާލުމުގެ ކުރިން އާއިލާއިން ކަމާ ބެހޭ އިދާރާތަކަށް ގުޅައިގެން އޭނާގެ ދެ ލޯ ވަނީ ނަގާ ހަދިޔާ ކޮށްފައި،" ވައިޝާލީގެ ދެބެންގެ ދެ ދަރި ކުއްޖަކު އިންޑިއާ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ވައިޝާލީ މަރުވިއިރު އޭނާ ގެންދިޔައީ ޑިސެމްބަރު މަހު ކުރަން ހަމަޖެހިފައިވާ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ވައިޝާލީ ކައިވެނިކުރަން ނިންމާފައިވަނީ އެމެރިކާގައި ދިރިއުޅޭ ސޮފްޓްވެއާ އިންޖިނިނޭރަކާ އެވެ. ކައިވެންޏަށް ބާޒާރުކުރުމުގެ ރޭވުންތަކެއް ވެސް އޭނާ އޮތީ ރާވާފަ އެވެ. ނަމަވެސް ކުއްލިއަކަށް މިފަދަ ފިޔަވަޅެއް އަޅަން އޭނާ ނިންމީ އަވަށްޓެރިންގެ ފަރާތުން ކޮން ކަހަލަ އުނދަގޫތަކެއް ދިމާޥެގެން ކަމެއް އަދި ފުލުހުންނަކަށް ވެސް ބުނާކަށް ނޭނގެ އެވެ.
ފުލުހުން ބުނި ގޮތުގައި ވައިޝާލީގެ މަރަށްފަހު ރާހޫލް އާއި އޭނާގެ އަންހެނުން ވަނީ ފިލާފަ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް އެމީހުން ފެނިފައި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.