ދިވެހިރާއްޖެއާ ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބަޔަކު އެދޭ ގޮތަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ މިހާރު ކުރިއަށްދާއިރު ގާސިމް އިބްރާހީމް ނެރުއްވި ބަޔާނެއްގައި ވަނީ އެކަމުގައި އެމަނިކުފާނުގެ ވިސްނުން ހުރި ގޮތް ހާމަކުރައްވާފަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ބިމާއި ޖައްވާއި ކަނޑުން އެންމެ ކޮޑި އިންޗިއެއްވެސް ގެއްލެން ނުވަތަ ބަޔަކަށް ދިނުމަށް ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ.
"ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް އިމްތިޔާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން. ގާނޫނު އަސާސީގެ ރޫހަކީވެސް އެއީ" މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީސްގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ވިދާޅުވީ ރާއްޖެ އާއި ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ "އިކުއިޑިސްޓޭންސް"ގެ އުސޫލު ކަމަށް ދެކި ބަޔަކު ހަމަ އެދޭއިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.
އިން ވަކިކުރަން ހުށަހެޅިފައިވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑު ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާ މިދިޔަ ބައި ގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލުގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު ތަނަކާ ދެމެދު އޮތް ސަރަހައްދެއްކަން ގާސިމް އިބްރާހީމް ފާހަގަކުރެއްވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އދ. ގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލު ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށާއި ދިވެހިން އެދެނީ ދިވެހި ސަރުކާރުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް އިހުލާސްތެރިކަމާއެކު ކުރާތަން ފެނުން ކަމަށެވެ.
"ފީނެން އޮތް އެންމެ ފުނަކަށް ފީނާތަން ދެކުން. ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް 'ބޮޑުބޭބެ' ގެ އެދުމަކަށް ދޫކޮށްނުލާކަން ސާބިތުވުން." ގާސިމް އިބްރާހީމް ވިދާޅުވެފައިވެ އެވެ.
އިޓްލޮސްއަށް މައްސަލަ ހުށަހެޅީ މޮރިޝަސް އިންނެވެ. އެކަމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ހުށަހެޅިފައިވަނީ ތަފާތު ދެ މައްސަލަ އެއް ކަމަށެވެ.
މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ރާއްޖެ އޮތީ އެއްވެސް ތަނެއް ދޫކޮށްލާ ގޮތަށް ނޫން ކަމަށްވެސް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބުނެފަ އެވެ.
އެ އޮފީހުން އިތުރަށް ބުނި ގޮތުގައި ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތެވެ. ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.