ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސިޔާސަތޔު ބަދަލުވެފައިވޭތޯ ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މިގަރާރު ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު އެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅާފައި މިވަނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަަށް ތާއީދުކޮށް އދ. ގައި ވޯޓު ދިނުމަށް ރާއްޖެއިން ނިންމާފައި ވަނިކޮށެވެ. ބައެއް މީހުން ދެކޭ ގޮތުގައި ދިވެހި ސަރުކާރުގެ އެ ނިންމުމަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް މޮރިޝަސް އަށް އަށް ދިނުމަށް އެއްބަސްވުމެވެ.
ދިވެހި ސަރުކާރުން މިއަދު ބުނީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދ. ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަ ކަމަށެވެ. އިޓްލޮސްގައި އޮތް މައްސަލައިގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައި ނުވާ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.
"ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަމަކާމެދު ފާސްވާ ގާނޫނަކުން ކަމުގައި ގާނޫނުއަސީގައި ބަޔާންކޮށްފައިވީ ހިނދު، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމާމެދު އެއްވެސް ނިންމުމެއް ސަރުކާރުން ނިންމައިފައި ނުވޭ.،" ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދ ވިދާޅުވެފައިވެ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމު މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ޗާގޮސްގެ މައްސަލައިގައި ދިވެހި ސަރުކާރުން ދައްކާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އަދި ސަރުކާރުގެ ނިންމުމެއް ބަދަލުވެގެން ދިޔައީ ފައިސާ އާއި ނުފޫޒެއް ނެތި ގާނޫނީ އިމުގެ ތެރެއިން ކަމަށް ޔަގީންކުރަން ބޭނުންވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަަހައްދާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ އެ މައްސަލަ އައިސީޖޭ އާއި އިޓްލޮސް އަށް މޮރިޝަސް އިން ގެންދިޔައީ 2019 ވަނަ އަހަރު އެވެ. މިމައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.