ކްރިމިނަލް ކޯޓް

ކެނެބިސް ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށް

ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ ސްރީލަންކާގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކޯޓުން ހުކުމްކޮށްފައިވަނީ ރަނަސިންގް ޓިއްސާ ހެވަގެ މައްޗަށެވެ.

ކްރިމިނަލް ކޯޓު ގާޒީ ސަފްއަތު ހަބީބް އިއްވެވި ހުކުމްގައި ވަނީ ރަނަސިންގްގެ މައްޗަށް ދައުލަތުން އުފުލި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ [އ] ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ކުށުގެ އުގޫބާތެއްގެ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ރަނަސިންގް އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން އޭނާ ދެ އަހަރާޢި ހަތް މަހާއި 17 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު އުނިކުރުމުން ރަނަސިންގް ތަންފީޒުކުރަން ޖެހޭނީ 22 އަހަރާއި ހަތަރު މަހާއި 13 ދުވަސް ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވެސް ހުކުމްކޮށްފައިވެ އެވެ.

މީގެއިތުރުން ދައުލަތުން އޭނާގެ މައްޗަށް އުފުލި ކެނެބިސް ބޭނުންކުރުމުގެ ކުށް ވެސް ސާބިތުވެ ވަނީ ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.