އަބްދުﷲ ރަޝީދު

"އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮށް، އިންސާފުވެރި ތަހުގީގެއް ކުރަންޖެހޭ"

Oct 26, 2022

ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު (43 އ) ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލަ އިންސާފުވެރިކަމާ އެކު ތަހުގީގުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް އިން ގޮވާލައިފި އެވެ.

އަބްދުﷲ އާއި އިތުުރު ދފެ މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެތީގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އަބްދުﷲ މަރުވި މައްސަލައިގައި ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ އަކީ ހޯޑެއްދޫގައި އޮންނަ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ރައީސް ކަމަށާއި މަރުގެ މި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް ގޮވާލާ ކަމަށެވެ.

"އަބްދުﷲ ރަޝީދު ކުއްލި ގޮތަކަށް ނިޔާވި ހަބަރު މި ކޯލިޝަނުން އެހީ ފުން ހިތާމައާއިއެކުގަ އެވެ. ޢަބްދުﷲ ރަޝީދު ނިޔާވުމާ ގުޅިގެން މިކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅުގައްޔާއި ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ނަމުގައި އާއިލާއަށް ތައުޒިޔާ އަރިސްކުރަމެވެ. އަދި މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އަބްދުﷲ މަރުވީ ފުލުހުން އޭނާ ހައްޔަރުކޮށްގެ ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށް އާއިލާއިން މައުލޫމާތު ދޭ ކަމަށެވެ. އަބްދުﷲ ހައްޔަރުކޮށްގެން ގެންދިޔައިރުވެސް އޭނާގެ މެޔަށް ތަދުވާ ކަމަށް ބުނަމުންދިޔަ ކަމަށާއި އެހެންނަމަވެސް ފުލުހުން މިކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެތައް އިރެއްފަހުން އޭނާ މަޑަވެއްޔަށް ގެންދިޔައިރުވެސް މަރުވެފައިވާކަމާއި، ފުލުހުން މިމައްސަލައިގައި ޢަމަލުކޮށްފައިވަނީ ވަރަށް ޒިއްމާދާރުކަން ކުޑަކޮށް ކަމަށްވެސް ބުނެފައިވެ އެވެ.

ޕީޕީއެމް އިން ބުނީ ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުވާކޮށްގެން ތިބި ބަޔަކަށް ވާތީ ފުލުހުންގެ މިއަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މައްސަލަ ވީހާވެސް އަވަހަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

"މިކަމުގައި އިހްމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ އިންސާފު ހޯދައިދިނުމުގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

އަބްދުﷲ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. ނަމަވެސް އާއިލާ އިން އެކަމަށް ދެކޮޅު ހަދަމުންދާ ކަމަށް އަވަސްއަށް އެނގިފައިވެ އެވެ.