ޓެކްސް ބޮޑުކުރުމުގެ ކުރިން ދޭން ޖެހޭ އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރާ މުޅި މަޖިލީހުގެ ކޮމިޓީގައި މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން މިދިޔަ ޖޫން މަހު ސިނާއަތުގެ ބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.
ޓެކްސް ބޮޑުކުރުން ހަމަސް ދުވަހަށް މަޑުޖައްސާލަން ބައެއް ބޭފުޅުން އެދިވަޑައިގެންނެވިއިރު އެކަން އަހަރެއްހާ ދުވަހަށް މަޑުޖައްސާލުމަށްވެސް ބައެއް ބޭފުޅުން އެދިވަޑައިގެންނެވި ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
ޖީއެސްޓީ ބޮޑުކުރުމުގެ ބިލު މަޖިލީހަށް ފޮނުވީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ ވަގުތު ދެވިއްޖެ ކަމަށާއި ވީހާވެސް އަވަހަށް ޓެކްސް ބޮޑުކުރަންޖެހޭ ކަމަށެވެ.
"ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ޕޮޓެންޝަލް ޖީޑީޕީ އިން ގާތްގަނޑަކަށް 98 ބިލިއަން ރުފިޔާ އަދި ޕަބްލިކް ފައިނޭންސަސް އިން ގާތްގަނޑަކަށް 36 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިއްޖެ،" ޓެކްސް ބޮޑުކުރަންޖެހޭ ކަން ތަކުރާރުކުރައްވަމުން އަމީރު ވިދާޅުވި އެވެ.
ވިޔަފާރިތައް މިއަދު މިއޮތް ހާލަތުގައި އޮތީ ކޮވިޑްގެ ހާލަތުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމުގައިވެސް މިިނިސްޓަރު ވިދާޅުވި އެވެ. 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 33.5 އިންސައްތަ ދަށަށް ދިޔަ ކަމަށާއި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު "ވީ ޝޭޕް" ގައި ކުރިއަރާ ދިޔައިރު އެއީ އެއްވެސް ފަރާތަކުން އަންދާޒާކުރި ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
ކޮވިޑްގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރިސޯޓުތަކާއި އަމިއްލަ ފަރާތްތަކަށް ދިމާވި ގެއްލުންތަކާ ގުޅިގެން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވި ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މިއީ ދައުލަތުގެ އިގްތިސާދީ ހާލަތު ރަގަޅުކުރުމަށް ޓެކްސް ބޮޑުކުރަންޖެހޭ ވަގުތު ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމިޓީގައި މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ އާމްދަނީ އާއި ޖޫރިމަނާގެ ގޮތުގައި 15 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށެެވެ. އެ ފައިސާ ހޯދުމަށް ފިޔަަވަޅުތައް އަޅަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމާއި ޓެކްސް ކްލިއަރެންސް ރިޕޯޓަކީވެސް އެންފޯސްމަންޓް ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ. އޮޕަރޭޓް ނުކުރާ ރިސޯޓުތަކުގެ ބިމު ކުލި ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެކަން ހައްލުކުރަން އުސޫލުތަކެއް ހަދަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.