ރައްޔިތުންގެ މަޖިލިސް

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭކަށް ނުފެނޭ: އިލްޔާސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ފެނިވަޑައިނުގަންނަވާ ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑުކުރުމުގެ އިސްލާހަށް ވާހަކަދައްކަވަމުން އިލްޔާސް މިއަދު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ އެކަމަކު އަދި ނުލިބިވާ ފައިސާ ހޯދައި، އިސްރާފު ހުއްޓުވާނެ ގޮތެއް ސަރުކާރަށް ނޭނގުނު ކަމަށެެވެ.

ދައުލަތަށް 15 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެފައިވާއިރު މެންބަރު އިލްޔާސް ވިދާޅުވީ އެ ރުފިޔާ ހޯދާނެ ސަރުކާރަށް ނޭނގުނު ކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ވެންޓިލޭޓަރުތަކުން ގެއްލުވާލާފައިވާ ފައިސާތައް ވެސް ހޯދަން ސަރުކާރަށް ނޭނގުނު ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ބޭކާރު ގޮތުގައި އިސްރާފުކުރާ ކުރުން ހުއްޓުވަންޖެހޭ ކަމަށާއި ޝަންގްރިއްލާ ރިސޯޓު ހުޅުވައި އިގްތިސާދަށް މަންފާކުރާ ގޮތަށް ކަންތައް ނޭނގުނު ކަމަށެވެ. މީގެއިތުރުން ބަޖެޓުގައި ހިމެނޭ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމް ހިންގައިގެން ދައުލަތުގެ އާމްދަނީ އިތުރުކުރާނެ ގޮތެއްވެސް ސަރުކާރަށް އަދިވެސް ހޯދިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިކަންތައްތައް ކޮށްފައި ދެން އައިސް ވިދާޅުވޭ ތިމަންނަމެންނަށް ފެނެޔޭ ރައްޔިތުން އަތުން އިތުރަށް ޓެކްސް ނަގަން،" އިލްޔާސް ވިދާޅުވި އެވެ.

ކަންކަން ކުރަން ނޭނގޭ ހާލުގައި ޓެކްސް ދައްކާ ރައްޔިތުން އަތުން އަނެއްކާވެސް އިތުރަށް ފައިސާ ނެގުމަކީ އިންސާފުވެރި ގޮތްތޯ ވެސް އިލްޔާސް ސުވާލުކުރެއްވި އެވެ.

"އިއްޒަތްތެރި ފިނޭންސް މިނިސްޓަރު މިއަދު މިތަނުގައި ވިދާޅުވި ޖޫން މަހުގެ ތެރޭގައި ބައެއް ބޭފުޅުންނާ ވާހަކަ ދެއްކިއޭ. ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމެއްގައި މި ޕާޓީގެ މެނިފެސްޓޯއެއް އޮވެފައި މެނިފެސްޓޯގެ ދަށުން ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭ. އެ މަޝްވަރާ ނުކޮށް ފިނޭންސް މިނިސްޓަރާ މަޝްވަރާ ކުރައްވާ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވުމަށްފަހު މިތަނަށް ވަކި މަދު ބައެއްގެ ވިސްނުމާ އެކީ ޓެކްސް ނަގަން މިތަނަށް ހުށަހަޅާފައި މިބުނަނީ ރައްޔިތުން އަތުން ޓެކްސް ނަގަންވީއޭ. ކިހިނެތްތޯ ޖަސްޓިފައިކުރަނީ؟ ކޮބާތޯ ރައްޔިތުން ތަމްސީލުކުރާ މެންބަރުންނާއި ރައްޔިތުންގެ ވިސްނުމާއި ފިކުރު؟" އިލްޔާސް ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރުމުން ނިކަމެތި ރައްޔިތުންނަަށާއި ވިޔަފާރިތަކަށާއި ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރުގެ ތަފާސްހިސާބު މަޖިލީހަށް ގެންނަން ޖެހޭނެ ކަމުގައިވެސް އިލްޔާސް ވިދާޅުވި އެވެ.

"މިތަނުގައި މެޖޯރިޓީއެއް އޮތޭ ކިޔާފައި. ބާރު އޮތޭ ކިޔާފައި މިހެން ހަދާކަށް ނުވާނެ،" ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ވިދާޅުވި އެވެ.