ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،312،993 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 33.5 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ފަތުރުވެރިކަން އަދި އޮތީ ދަށުގަ އެވެ.

ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާ އިންނެވެ. މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ 14.1 އިންސައްތަ އަކީ އިންޑިއާ އިން ރާއްޖެ އައި ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ ރަޝިއާ އާއި އިނގިރޭސިވިލާތެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި 166 ރިސޯޓާއި 856 ގެސްޓްހައުސް އާއި 157 ސަފާރީ އުޅަނދު ދަނީ ބޭނުންކުރަމުންނެވެ.

މީގެއިތުރުން 13 ހޮޓަލާއި ހޯމްސްޓޭގެ ގޮތުގައި ތިން ތަނެއް ބޭނުންކުރާއިރު މި ތަންތަނުގައި ހުރި ބޭނުންކުރެވޭ އެނދުގެ އަދަދަކީ 58،957 އެވެ.