ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބޮޑު ދެ މަޝްރޫއަކަށް 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅައިފި އެވެ.
މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ތިލަ-މާލެ ބްރިޖާއި ކ. ގުޅިފަޅު މަޝްރޫއު ހިމެނެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން ތިލަމާލެ ބްރިޖް މަޝްރޫއަށް ޖުމްލަ 792 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. މީގެތެރޭގައި އިންޑިއާ އެގްޒިމް ބޭންކުގެ ލޯނުގެ ގޮތުގައިދޭ 591.7 މިލިއަން ރުފިޔާ އާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދޭ 182.3 މިލިއަން ރުފިޔާ އާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ 17.9 މިލިއަން ރުފޔިާ ހިމެނެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ކ. ގުޅިފަޅާއި ގުޅުންހުރި މުހިންމު ދެ މަޝްރޫއަކަށް 959 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ގުޅިފަޅުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫއަށް ކަނޑައަޅާފައިވާ 308.1 މިލިއަން ރުފިޔާ އާއި ގުޅިފަޅުގެ ބިން ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 651 މިލިއަން ރުފިޔާ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޯންސް އިންފްރާސްޓްރަކްޗާ އަށެވެ. ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ބްރިޖުގައި ގާތްގަނޑަކަށް 6.6 ކިލޯ މީޓަރު ހުރެ އެވެ.
ގުޅީފަޅު ބިން ހިއްކަން 1.6 ބިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. މިމަޝްރޫއަށް ބޭނުންވާ ލޯނު އެއްބަސްވުމުގައި ސަރުކާރާއި އޭބީއެން އަމްރޯ ބޭންކާއި އޭކޭއޭ ބޭންކް އަދި އައިއެންޖީ ބޭންކާ ދެމެދު ސޮއިކުރީ މިއަހަރުގެ ޖޫން މަހު އެވެ.
މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓާމިނަލް ތަރައްގީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 686.2 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މި މަޝްރޫއަށް ލޯނު ދެނީ ކުވެއިތު، އަބޫދާބީ، އޯޕެކް ފަންޑް، ސައުދީ އަރަބިއްޔާ އަދި ޔޫއެންކޭ އިންނެވެ.
ވީއައިއޭގެ އާ ޓާމިނަލް އަޅަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އެ ޓާމިނަލް ތަރައްގީކުރަނީ އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ. ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބިން ލާދިން ގްރޫޕާ އެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) އެވެ.