ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި އެވެ.
ޕޯސްޓްމޯޓަމް ހެދުމަށް އަބްދުﷲގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ ރޭ ފަތިހު އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އަބްދުﷲ ހައްޔަރުކޮށް ލޯންޗަކަށް އަރުވާފައި ހުއްޓާ އޭނާ މަރުވީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
އަބްދުﷲ ރަޝީދު މަރުވުމުން ފުލުހުން ވަނީ ޕޯސްޓްމޯޓަމް ހަދަން ނިންމާފަ އެވެ. ނަމަވެސް އަބްދުﷲގެ އާއިލާއިން ވަނީ ޕޯސްޓްމޯޓަމް ހެދުމާއި ދެކޮޅުކަން ހާމަކޮށްފަ އެވެ. ޕޯސްޓްމޯޓަމް ހަދައިފި ނަމަ އަބްދުﷲގެ ހަށިގަނޑާ ހަވާލު ނުވާނެ ކަމަށްވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.
ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމަށާއި އަބްދުﷲ ގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެދިނުމަށް އަބްދުﷲ ގެ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން އިއްޔެ ނިންމީ އާއިލާއިން އެދިފައިވާ ގޮތަށް ކޯޓު އަމުރު ނެރެންޖެހޭނެ ތަނެއް ނެތް ކަމަށެވެ.
އަބްދުﷲގެ އާއިލާއިން މީގެ ކުރިން ބުނެފައިވަނީ އަބްދުﷲ ލޯންޗަށް އަރުވާފައި ހުއްޓާ މެޔަށް ތަދުވެގެން އެވާހަކަ ފުލުހުން ކައިރީ ބުނި ކަމަށެވެ. ނަމަވެސް ފުލުހުން އެއީ "ޑްރާމާއޭ" ބުނެ ފަރުވާ ދިނުން ލަސްކުރީ ކަމަށެވެ.
އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އެދުމުން ފަރުވާ ނުދީގެން ކަމަށް މަންޒަރު ދުށް ބައެއް މީހުންވެސް ބުނެފައިވެ އެވެ.
އަބްދުﷲ ރަޝީދު މަރުވި ހާދިސާ އިންސާފުވެރިކޮށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގަވައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ