ރައްޔިތުންގެ މަޖިލިސް

އޮފީސްތައް ދައުލަތުގެ އިމާރާތްތަކަށް ބަދަލުކުރަން ގަރާރެއް

ދައުލަތުގެ އޮފީސްތައް ދައުލަތުގެ އިމާރާތްތަކަށް ބަދަލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ގަރާރު ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ ގަރާރުގެ ފުރަތަމަ ކިޔުމެވެ.

ގަރާރުގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ހަމަކު 8.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާ ކަމަށާއި އަހަރަކަށް ބަލާނަމަ އެއީ 102 މިލިއަން ރުފިޔާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މެންބަރު އިބްރާހީމް މުއިއްޒު ހުށަހެޅި ގަރާރުގައި ވަނީ ދައުލަތުގެ އޮފީސްތަކާއި އިދާރާތަކާއި ގުދަންތައް ދައުލަތުގެ އިމާރާތްތަކަށް ބަދަލުކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި އެކަން އަވަސް ކުރުމަށް ގޮވާލާފަ އެވެ.

އަމިއްލަ އިމާރާތްތަކުގައި ދައުލަތުގެ އޮފީސްތައް ހިންގުމުން ދައުލަތުގެ ފައިސާއިން މެނޭޖުކުރުމުގައި އިސްރާފު ބޮޑު ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ ދައުލަތުން ކުއްޔަށް ހިފައި އަހަރެއްގެ މައްޗަށް ހޭދަކުރާ ފައިސާއަށް ހައްލެއް ގެނެވިއްޖެ ނަމަ އެ ފައިސާ ދައުލަތުގެ އެހެން ތަރައްގީގެ މަޝްރޫއުތަކަށާއި އާންމުންނާ ގުޅުންހުރި ކަންކަމަށް ހޭދަކުރެވޭނެ ކަމަށެވެ.