ޕެންޝަން އޮފީސް

ޕެންޝަން ރަޖިސްޓްރީގައި ތިބީ 107،018 މުވައްޒަފުން

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ އިމާރާތް--ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައި އޮތީ 107،018 މުވައްޒަފުންކަން ހާމަކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވަނީ ޕެންޝަން އޮފީހުގައި މިދިޔަ އަހަރާއި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންގެ އަދަދުތަކުގެ ތަފާސްހިސާބު ހާމަކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އެކި މަސްތަކުގައި މި އަދަދުތައް ދަށްވެ މަތިވަމުން ގޮސްފައިވެ އެވެ. މިއަހަރުގެ ޖެނުއަރީ މަހު ޕެންޝަން އޮފީހުގެ ރަޖިސްޓްރީގައި އޮތީ 102،239 މުވައްޒަފުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައި އޮތީ 93،430 މުވައްޒަފުން ނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޖިސްޓްރީކޮށްފައި އޮތީ 96،208 މުވައްޒަފުންނެވެ.

ބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ތަފާސްހިސާބު ބެލެހެއްޓުމުގެ އިންތިޒާމު އަދި ހަމަޖެހިފައެއް ނުވެ އެވެ.

ވަޒީފާ އަދާކުރާ މީހުން މިންކުރުމަށް ބޭނުންވާ އެންމެ ރަނގަޅު މައުލޫމާތު ލިބެނީ ބޯހިމެނުމުގައި ހިމަނާ ތަފާސްހިސާބުތަކުން ކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އާންމު ދިރިއުޅުމަށް ކުރާ ހަރަދުގެ ސާވޭ އިން ހޯދާ މައުލޫމާތުންވެސް އެ އަންދާޒާތައް ހިސާބުކުރުމުގައި ބޭނުންކުރެވޭ ކަމަށް ބުނެފައިވެ އެވެ.

ބަޖެޓުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމުގައި ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ކުރެވޭ މުވައްޒަފުންގެ ތަފާސްހިސާބު ބޭނުން ކުރެވޭ ކަމަށެވެ. ނަމަވެސް އެ އަދަދުތަކުގައި މަސައްކަތްތެރިންގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބިދޭސީންނާއި އިންފޯމަލް ސެކްޓާގައި މަސައްކަތްކުރަމުންދާ ފަރާތްތަކާއި ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތައް ނުހިމެނޭ ކަމަށް ބުނެފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345