އިގްތިސޯދު

ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާ މިއަހަރު ކުރި އަރާނެ

ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާ ކޮވިޑް-19ގެ ކުރީގެ މިންވަރަށް މިއަހަރު ވާސިލުވާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ބުނެފައިވަނީ މެދު ރާސްތާގައި އެ ދާއިރާތަކުގެ އުފެއްދުންތެރިކަމުގެ ދުވެލި އެވަރެޖުކޮށް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 11.4 އިންސައްތައިގައި ކަމަށެވެ.

ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާގެ އުފެއްދުންތެރިކަން މިދިޔަ އަހަރާއި އަޅައިބަލާއިރު މިއަހަރު އިތުރުވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު އައި ފުރަބަންދަށްފަހު 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ފުރަބަންދުގެ ސަބަބުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިންތިހާއަށް ދަށްވެފައިވުމާއެކު އެ އަހަރުގެ ތެރޭގައި ދާއިރާ ހީނަރުވެގެންދިޔަ ކަމަށް ބުނެފައިވެ އެވެ.

ބަޖެޓުގައި ބުނެފައިވަނި މިދިޔަ އަހަރު ބައިނަލްއަގުވާމީ ގިނަ ވައިގެ ބަނދަރުތައް ހުޅުވާލެވި އެއާލައިންތަކުން ދަތުރުތައް ފެށުމާއެކު ރާއްޖޭގެ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާ ކުރި އަރައިގެން ދިޔަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ދާއިރާގެ އުފެއްދުންތެރިކަން ހުރީ 2019 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ 79.6 އިންސައްތައިގަ އެވެ.

ބަޖެޓުގައި ބުނެފައިވަނީ 2020 ވަނަ އަހަރު ކޮވިޑްއާ ގުޅިގެން އިގުތިސާދަށް އައި ހީނަރުކަމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އަންނަމުންދިޔަ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ދާއިރާގެ އުފެއްދުންތެރިކަން އެ އަހަރު ދަށަށް ދިޔަ އެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް އައި ބަދަލުތަކާއެކު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ބާރު ދުވެލީގައި ކުރި އެރި ކަމަށް ބުނެފައިވެ އެވެ. އެކަމަކު 2019 ވަނަ އަހަރު ދާއިރާގެ އުފެއްދުންތެރިކަން ހުރި މިންވަރަށް މިދިޔަ އަހަރުގެ ތެރޭގައި ވާސިލް ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ބަޖެޓުުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ގައުމުގެ އުފެއްދުންތެރިކަމުގެ ކުރިއެރުމަށް އެވެރެޖް ގޮތެއްގައި 4.5 އިންސައްތައިން އެ ދާއިރާއިން ހިއްސާވެފައިވާ ކަމަށެވެ. މެދުރާސްތާގައި އެ ދާއިރާ އެވަރެޖްކޮށް ފަސް އިންސައްތައިން ކުރި އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.