ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި 2025 ވަނަ އަހަރު ނިމޭއިރު 500 މިލިއަން ޑޮލަރު ހުންނާނެ ކަމަށް އަންދާޒާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 2025 ވަނަ އަހަރު ނިމޭއިރު އެސްޑީއެފްގައި ޖުމްލަ 500 މިލިއަން ޑޮލަރަށްވާ ފައިސާއަށްވުރެ އިތުރަށް ހުންނާނެ ކަމަށެވެ.
އެސްޑީއެފްއަށް އަންނަ އަހަރު 871.4 މިިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. 2024 ވަނަ އަހަރު ފަންޑަށް 944.8 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް ލަފާކޮށްފައިވާއިރު 2025 ވަނަ އަހަރު ފަންޑަށް އެއް ބިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެސްޑީއެފްގައި އޮކްޓޫބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ހުރީ ފަސް ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ މިހާތަނަށް މި ފަންޑަށް 653.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މި އަހަރު ފަންޑަށް 781.7 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ.
އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.
ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އަހަރު ނިމޭއިރު ސޮވެރިން ފަންޑްގައި ހުންނާނެ ކަމަށް ލަފާކުރާ އަދަދު ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.