ރައީސް އަބްދުﷲ ޔާމީނަށް ދިން ހަމަލާ

ސްނައިޕަރު ގެނައި ދެމީހެއްގެ ބަންދު އިތުރުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަ ކޮށްލަން ލަންކާގެ ސްނައިޕަރަކު ރާއްޖެ ގެނައި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރި ދެ މީހުންގެ ބަންދަށް ޖަހާފައިވަނީ، ހަތް ދުވަހެވެ. މިއީ މި ދެމީހުންގެ ބަންދު އިތުރުކުރި ތިންވަނަ ފަހަރެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 24 ގައި ލަންކާގެ ސްނައިޕަރެއް ކަމަށްވާ ލަހިރު މަޑުޝަންކަ ހައްޔަރުކޮށްފައިވަނީ، ރައީސް ޔާމިން އަވަހާރަކޮށްލުމަށް މަސައްކަތް ކުރަން އުޅުން ކަމުގެ ތުހުމަތުގަ އެވެ. ފުލުހުން ބުނެފައި ވަނީ އޭނާ އެކަން ކޮށްފައިވަނީ ބަޔަކު ގިނަ އަދަދެއްގެ ފައިސާތަކެއް ދީގެން ކަމަށެވެ.

ލަންކާ ސްނައިޕަރުގެ މައްސަލާގައި އޭނާ އަކީ ކުށެއް ނެތް މީހެއް ކަމަށް ލަންކާއިން ބުނަމުންދާ އިރު އޭނާގެ ބަންދު ވަނީ ހަ ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ. އޭނާގެ ގާނޫނީ ވަކީލު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ. ވަކީލް ވިދާޅުވެފައިވަނީ ރާއްޖެ އައުން ލަސްވަނީ، ވިސާ ހަމަނުޖެހޭތީ ކަމަށެވެ.