އޭޑިކޭ ހޮސްޕިޓަލް

ބަގީއާއެކު މޫދަށް ވެއްޓުނު އަންހެން މީހާ މަރުވެއްޖެ

ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށް ރިސޯޓުގައި މަސައްކަތް ކުރަމުން ދަނިކޮށް ބަގީ އާއިއެކު މޫދަށް ވެއްޓުނު އަންހެން މީހާ މަރުވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ މޮރޮކޯއަށް ނިސްބަތްވާ ނެޒާ ނަމަކަށް ކިޔާ އަންހެން މީހާއަށް ފަރުވާދެމުން ދަނިކޮށް މަރުވީ ރޭ ދަންވަރު 12:10 ހާއިރު ކަމަށެވެ.

ޖެޓި މަތީގައި ބަގީ ދުއްވަނިކޮށް މޫދަށް ވެއްޓިގެން މި އަންހެން މީހާއަށް އަނިޔާވި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:10 ހާއިރު އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ބ. އަތޮޅުގެ އަނަންތަރާ ކިހަވައް ރިސޯޓުގެ ކްލަސްޓާ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން ޕައުލް ކޯއުނިހަން ވިދާޅުވީ އެ ރިސޯޓުގެ މުވައްޒަފަށް ދިމާވި ހާދިސާގެ ސަބަބުން މުޅި ރިސޯޓާއި މެނޭޖްމަންޓް ވެސް ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ.

"އެ މުއައްޒަފުގެ އާއިލާއަށާ ރައްޓެހިންނަށް މި ދަނޑިވަޅުގަ ހިތްވަރުދެން. އަނަންތަރާ ކިހަވަށް ރިސޯޓުން އަބަދުވެސް ފަތުރުވެރިންނާ މުވައްޒަފުންގެ ސަލާމަތްތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެން. މި ހާދިސާ ހިނގުމާއި އެކު އަޅުގަނޑުމެން ވާނީ އަންގަންޖެހޭ އިދާރާތަކަށް އަންގާފައި،" ޕައުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނެޒާގެ މަރުގެ ތަހުގީގެއް އެއްވެސް އިދާރާއަކުން ކުރިއަށް ގެންދާނަމަ ރިސޯޓުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހާދިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.