މާލޭގެ ކޮމާޝަލް ހާބަރު ކައިރީގައި ހުންނަ ގަރާޖެއްގެ ބޭރުގައި ހުރި ސައިކަލެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގުމާ އެކު އަލިފާން ނިއްވާލުމުގައި މަސައްކަތް ކުރި އެމްޕީއެލްގެ މުވައްޒަފެއްގެ މަސައްކަތަށް ގިނަ ބަޔަކު ތައުރީފްކޮށްފި އެވެ.
މިއަދު މެންދުރު ހިނގި މި ހާދިސާގެ ހަބަރު ލިބުމާއިއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރި ވެފަ އެވެ. ނަމަވެސް ސައިކަލުގައި ރޯވެފައި ހުރި އަލިފާން ގަނޑު ނިއްވާލީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމެންޓުގެ މުވައްޒަފެއް ކަމަށްވާ އާދަމް ޝަޒީލް އެވެ.
އެމްޕީއެލް އިން ޓްވިޓާގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ޝަޒީލް އަލިފާން ނިއްވާލާ މަންޒަރު ފެެނެއެވެ. އަދި އެތަނުގައި ފުލުހުން ހަރަކާތްތެރި ވަމުން ދިޔަ މަންޒަރު ވެސް ވީޑީއޯ އިން ފެނެ އެވެ.
ޝަޒީލްގެ މަސައްކަތައް ތައުރީފުކޮށް އެމްޕީއެލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ނިއްވާލެވުނީ އޭނާގެ އަވަސް ހަރަކާތްތަކުގެ ސަބަބުން ކަމަށެވެ. އަދި އެމްޕީއެލްގެ މުއައްޒަފުންނަށް މިފަދަ ހާދިސާ ތަކުގައި އަމަލުކުރަންވީ ގޮތް ބުނެދިނުމަށްޓަކައި ޓްރެއިނިން ތަކެއް ބާއްވަމުން އަންނަކަމަށް އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ.
އަލިފާން ނިއްވާލުމުގައި ޝަޒީލް ދެއްކި ހިތްވަރަށް އެތައް ބަޔަކު ވަނީ އޭނާއަށް ތައުރީފްކޮށް އެފަދަ މީހުންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް އެދިފަ އެވެ.