އެމްއޭސީއެލް

އިންޓަނޭޝަނަލް ފްލައިޓްތައް 27 އިންސައްތަ އިތުރުވެއްޖެ

ރާއްޖެއަށް ދަތުރުކުރި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 27 އިންސައްތަ އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި އިންޓަނޭޝަނަލް ފްލައިޓް އަދަދަކީ 11،070 އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ 8،698 ފްލައިޓެވެ.

އިންޓަނޭޝަނަލް ފްލައިޓްތަކުގެ ތެރެއިން ޝެޑިއުލް ފްލައިޓްގެ ދަތުރުތައް އިތުރުވި ނަމަވެސް ޗާޓަޑް ފްލައިޓް އަދި ޕްރައިވެޓް ޖެޓްގެ ދަތުރުތައް މިދިޔަ އަހަރަށްވުރެ މިއަހަރު ހުރީ ދަށުގަ އެވެ.

ޝެޑިއުލް ފްލައިޓް އަދި ކާގޯ ފްލައިޓް ހިމެނޭ ގޮތަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 9،461 ފްލައިޓް ދަތުރުކުރި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދުތައް އުޅޭނީ 6،864 ގައެވެ.

ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓްގެ ގޮތުގައި މިއަހަރު ސެޕްޓެމްބަރުގެ ނިޔަލަށް 1،609 ފްލައިޓް ރާއްޖެ އައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓްގެ ގޮތުގައި އައީ 1،834 ފްލައިޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރުވެސް ރާއްޖެއަށް 25 އަށް ވުރެ ގިނަ އިންޓަނޭޝަނަލް އެއާލައިނުން ދަތުރުކުރެ އެވެ. މީގެތެރޭގައި ސިންގަޕޯ އެއާލައިންސް، އެމިރޭޓްސް، ގަތަރު އެއާވޭސް، އެއާ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސް ހިމެނެ އެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.34 މިލިއަނަށް އަރާފަ އެވެ. މިއީ 2021 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންނަށްވުރެ އިތުރު އަދަދެކެވެ.