ފިނޭންސް މިނިސްޓްރީ

ލަފާކުރި އަދަދަށް ޓެކްސް އާމްދަނީ ހޯދައިފި

ދައުލަތަށް މިއަހަރު ޓެކުހުން ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް އާމްދަނީ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ޓެކުހުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 15.3 ބިލިއަން ރުފިޔާ އެވެ.

އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޓެކުހުން ލިބުނު އާމްދަނީ ވަނީ 15.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ދައުލަތަށް މިއަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި އެވެ. އޮކްޓޫބަރު 20 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނީ 21.6 ބިލިއަން ރުފިޔާ އެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރު 6.4 ބިލިއަން ރުފިޔާ އަދި އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އޮތީ އަންދާޒާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ 5.9 ބިލިއަން ރުފިޔާ އެވެ. އެހީގެ ގޮތުގައި ލިބުނީ 308.1 މިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީ އެއް ދައުލަތަށް ލިބުނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުންނެވެ. ޖެނެރަލް ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީން މިއަހަރު ދައުލަތަށް 7.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކުހުން 3.9 ބިލިއަން ރުފިޔާ ލިބުނުއިރު އިމްޕޯޓް ޑިއުޓީން 2.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.