ދައުލަތުން މިއަހަރުގެ މިހާތަނަށް ކުރި ހަރަދު 1.64 ބިލިއަން ރުފިޔާ އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރި ހޭދައިގެ ތެރެއިން 896 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ރިކަރަންޓް ހަރަދަށެވެ. އެއީ މުސާރައާއި ޕެންޝަންގެ އިތުރުން އިދާރީ އަދި ހިންގުމަށް ކުރި ހަރަދެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި 421.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ލޯނު އަނބުރާ ދެއްކުމަށް 324.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ދައުލަތުން މިއަހަރުގެ މިހާތަނަށް ކުރި ހަރަދަށް ބަލާއިރު ގަޑިއަކު މަދުވެގެން 78،000 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ދައުލަތުން މިއަހަރުގެ މިހާތަނަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ކުރި ހަރަދަށްވުރެ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 934.1 މިލިއަން ރުފިޔާގަ އެވެ.
އާމްދަނީގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މި މުއްދަތުގައި ލިބުނީ 736.8 މިލިއަން ރުފިޔާ އެވެ. މިއަހަރު ލިބުނު އާމްދަނީއަށްވުރެ ހަރަދު 905.5 މިލިއަން ރުފިޔާ އިތުރެވެ.
ލިބުނު އާމްދަނީގެ 75 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 551.2 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 184.5 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.
ދައުލަތަށް މިއަހަރު ލިބުނު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި 810.8 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.