އަބްދުﷲ ރަޝީދު

ޕޯސްޓްމޯޓަމްގެ ނަތީޖާ ހާމަނުކޮށް ހަށިގަނޑު ވަޅުލައިފި

މަސްތުވާތެކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު މިއަދު މާލެ ގެނެސް ވަޅުލައިފި އެވެ.

މިރޭ މަޣްރިބް ނަމާދަށް ފަހު އާސަހަރާގައި ބޭއްވި ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވި އެވެ.

ފުލުހުން ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު (43އ) ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އެދުމުން ފަރުވާ ނުދީގެން ކަމަށް މަންޒަރު ދުށް ބައެއް މީހުންވެސް ބުނެފައިވެ އެވެ.

އަބްދުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މިދިޔަ މަހުގެ 31 ގައެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު އަބްދުﷲ ހަށިގަނޑު މިއަދު މެންދުރުފަހު މާލެ ގެނެސް މިރޭ ވަޅުލާފައިވީ ނަމަވެސް ޕޯސްޓްމޯޓަމްގެ ނަތީޖާ ކަމާ ގުޅޭ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.