ރާއްޖެ ކުޅިވަރު

އިދާރީ އޮޅުމެއް ކަމަށް ބުނެ ގަރާރު ބަދަލުކޮށްފި

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބާބެހޭ ގޮތުން ކުޅިވަރުގެ ގައުމީ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރި ގަރާރުގައި އިދާރީ އޮޅުކަމަށްވާ ކަމަށް ބުނެ ޔޫތު މިނިސްޓްރީން އެހެން ގަރާރެއް އެސޯސިއޭޝަންތަކަށް އިއްޔެ ފޮނުވައިފި އެވެ.

ހުސްވި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ސޮއިކޮށް ފޮނުވި ގަރާރުގައި ވަނީ ހަތް ނުކުތާއެކެވެ. ނަމަވެސް އިއްޔެ މިނިސްޓްރީގެ ޑިރެކެޓަރު އަލީ ޝަމީމް ސޮއިކޮށް ފޮނުވި ގަރާރުގައިވަނީ ފަސް ނުކުތާއެކެވެ.

މި ދެ ގަރާރުގައި ބަދަލުތަކެއްވެސްވެ އެވެ. އެންމެ ފުރަތަމަ ބަދަލު ގެނެސްފައިވަނީ ދެ ވަނަ ނުކުތާ އަށެވެ. ފުރަތަމަ ނެރުނު ގަރާރުގެ ވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ބޯޑުގައި ހިމެނޭ އެއްވެސް މީހަކު އޮލިމްޕިކް ކޮމިޓީގެ ބޯޑުގައި ހިމެނިގެންނުވާނެ ކަމަށެވެ.

ނަމަވެސް އިއްޔެ ނެރުނު ގަރާރުގައި ވަނީ އޮލިމްޕިކް ކޮމިޓީގެ ބޯޑުގެ ރިޔާސަތު ބަލަހައްޓާ ފަރާތެއް ކުޅިވަރުގެ އެސޯސިއޭޝަނެއްގެ ރިޔާސަތު ބަލަހައްޓާ މަގާމެއްގައި ހިމެނިގެންނުވާނެ ކަމަށެވެ.

އެސޯސިއޭޝަންތަކަށް ކުރިމަތިލައިގެން ހޮވޭ ފަރާތްތަކަކީ މަގާމުތަކަށް ވަކިވަކިން ކުރިމަތިލައިގެން ހޮވާ މަގާމުތަކަށްވާންވާނެ ކަމަށް ބުނެފައިވާ މާއްދާ އިއްޔެ ނެރުނު ގަރާރުން ވަނީ އުނިކޮށްފަ އެވެ.

އެންމެ ބޮޑު ބަދަލެއް ގެނެސްފައިވާ މާއްދާއަކީ އިންޓަރިމް ނުވަތަ ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތުގައި އެސޯސިއޭޝަނަކުން އިންތިހާބު ބާއްވާއިރު ކޮމިޓީގައި ހިމެނޭ މެމްބަރުންނަށް ކުރިމަތިނުލެވޭނެ ކަމަށް ބުނެފައިވާ މާއްދާ އެވެ. މި މާއްދާގައި ކުރިމަތިނުލެވޭނެ ކަމަށް ބުނެފައިވާ ބުނުން މިހާރު ބަދަލުކޮށްފައިވަނީ އިހްތިޔާރީ ކަމެއްގެ ގޮތުގަ އެވެ.

މިނިސްޓްރީން ފުރަތަމަ ނެރުނު ގަރާރުއިގައި ބުނެފައިވަނީ މިފަދަ ކޮމިޓީއެއްގައި ހިމެނިފައިވާ މީހަކަށް އެއެސޯސިއޭޝަނެއްގެ އެއްވެސް މަގާމަކަށް ކުރިމަތިލެވޭނީ ކޮމިޓީގެ މަގާމުން އިސްތިއުފާދިންތާ ހަ މަސް ދުވަސް ފަހުން ކަމަށެވެ. ނަމަވެސް އިއްޔެ ނެރުނު ގަރާރުގައި މިއީ އިހްތިޔާރީ ކަމަކަށް ބަދަލުކޮށް ބުނެފައިވަނީ މަސްލަހަތު ފުށުއަރާ ވަޒީފާއެއްގައި ހުރި އެއްވެސް ފަރާތަކަށް އެސޯސިއޭޝަނެއްގެ އިންތިހާބީ މަގާމަކަށް ކުރިމަތިލުމުގެ އިހްތިޔާރު ލިބިގެންނުވާ ކަމަށެވެ.

މިނިސްޓްރީން އިއްޔެ ފޮނުވި ސިޓީގައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ކުޅިވަރުގެ ގައުމީ މަޖިލީހުގެ 13 ވަނަ ބައްދަލުވުމުގައި ފާސްކުރި ގަރާރު އެސޯސިއޭޝަންތަކަށް ފޮނުވުނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށާއި ރަނގަޅު ގަރާރަކީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ކުޅުވަރުގެ ގައުމީ މަޖިލީހުގެ 14 ވަނަ ބައްދަލުވުމުގައި ފާސްކުރި ގަރާރު ކަމަށެވެ.

ނަމަވެސް މި ނިންމުމާއެކު ގިނަ އެސޯސިއޭޝަންތަކަކުން ވަނީ މިނިސްޓްރީ އަށް ފާޑުކިޔަން ފަށައިފަ އެވެ.