އިންފްލޭޝަން

ސެޕްޓެމްބަރު މަހު އަގު އުފުލުނީ 0.16 އިންސައްތަ

ރާއްޖޭގެ ބާޒާރުގައި އަގުތައް މިއަހަރުގެ ސެޕްޓެމްބަރު މަހު 0.16 އިންސައްތަ އުފުލިއްޖެ އެވެ.

ގައުމީ ތަފާސްހިސާބު ބަލަހައްޓާ ވުޒާރާ -- މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ މިއަހަރުގެ އޮގަސްޓުން ސެޕްޓެމްބަރަށް އިންފްލޭޝަނަށް އައި ބަދަލެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓް މަހު އިންފްލޭޝަން ވަނީ 0.22 އިންސައްތަ އުފުލިފަ އެވެ.

މަހުގެ އަގަށް އައި ބަދަލު ނުހިމަނައި ސެޕްޓެމްބަރު މަހު އިންފްލޭޝަން ހުރީ 0.13 އިންސައްތައިގަ އެވެ.

އަގު އުފުލުނު ބާވަތްތައް

  • މޭވާގެ ބައި - 5.01+ އިންސައްތަ
  • ވައިގެ ދަތުރުފަތުރުގެ ބައި - 1.18+ އިންސައްތަ
  • ރެސްޓޯރަންޓްތަކާއި ކެފޭގެ ބައި - 0.67+ އިންސައްތަ
  • ކަނޑު މަހުގެ ބައި - 0.68+ އިންސައްތަ
  • ގެއަށް ބޭނުންވާ ސާމާނުގެ ބައި - 1.65 އިންސައްތަ

މީގެއިތުރުން މޯބައިލް މުވާސަލާތީ ހިދުމަތުގެ ބައި 0.57 އިންސައްތަ ވަނީ އުފުލިފަ އެވެ.

އަގު ދަށްވި ބާވަތްތައް

  • ތަރުކާރީގެ ބައިން - 2.71- އިންސައްތަ
  • ފައިވާނާއި ބޫޓުގެ ބައިން - 2.18- އިންސައްތަ
  • ކިރާއި ޑައިރީ އުފެއްދުންތައް އަދި ބިސް - 0.30- އިންސައްތަ

މީގެއިތުރުން އެހެނިހެން މައުލޫމާތު އަދި ކޮމިއުނިކޭޝަން ހިދުމަތްތަކުގެ ބައިން 0.49 އިންސައްތަ ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

ރިކްރިއޭޝަން އާއި ކުޅިވަރުގެ ދާއިރާ އާއި ތައުލީމީ ހިދުމަތްތަކާއި ސިއްހީ ދާއިރާގެ އަގުތަކަށް އޮގަސްޓް މަހާއި އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ބަދަލު އައިސްފައި ނުވާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.