ޗާގޮސް މައްސަލައިގައި ދިވެހިރާއްޖޭގެ މަސްލަހަތުގެ ދިފާއުގައި މަސައްކަތް ކުރާކަން ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ނާރައިގެން އިންޑިއާގެ ޓީވީ ޗެނަލެއްގައި އެމަނިކުފާނު ވާހަކަ ދައްކަވާފައި ނުވާނެ ކަމަށެވެ.
ބައެއް މީޑިއާތަކުން އެވާހަކަ ދައްކަމުން ދިޔަ ނަމަވެސް ރައްޔިތުން އެކަން ގަބޫލުނުކުރާ ކަމުގެ ހެއްކަކީ 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ކަމަަށް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރަން ރައްޔިތުން ނިންމި ނިންމުން ކަމަށް ވިދާޅުވި އެވެ.
"ތިޔަ ވިދާޅުވާ ވީޑިއޯއެއްގައި އަޅުގަނޑު އިނދެ އެހެން ނަމަވެސް ތިޔަ ވިދާޅުވާ ވާހަކައިގައި ކަންބޮޑުވެގެން ދެއްކީ އިންޑިއާ މީހެއް. އަޅުގަނޑު ބުނި ވާހަކައެއް ނޫން." އިންޑިއާ ސިފައިން ރާއްޖެ ހިފުމަށް ވާހަކަ ނުދައްކަވާ ކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ހަގީގަތްވާނީ ހަގީގަތަކަށް ކަމަށާއި ދިވެހި ރައްޔިތުން ގަބޫލުކުރާނީ ހަގީގަތް ކަމަށެވެ. ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް އެކި މަގާމުތަކުގައި ހުންނަވައިގެން ކުރެއްވި މަސައްކަތް ދިވެހި ރައްޔިތުން ގަބޫލުކުރައްވާ ކަމަށް އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓެވި ޝާހިދު ވިދާޅުވި އެވެ.
ރައްޔިތުންނަށް ކަމުގެ މައުލޫމާތު ސާފުކޮށްދިން ނަމަވެސް ދޮގު ވާހަކަ ދައްކަން ބޭނުންވާ މީހަކު އެކަން ކުރާނެ ކަމަށާއި ދޮގު ވާހަކަ ދައްކަން ބޭނުންވާ މީހަކު ނުހިފެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.
"ގިނަ ދުވަސްތަކެއްވެގެން ފަހަރެއްގައި ކަންކަން ހަނދާން ނެތިގެން އެއްޗެއް ބުނެވޭ މީހުން ބުނާނެ. ލިޔެކިޔުންތައް ނުހުންނާނެ ކަމަށް ހީކޮށް ގަސްތުގައި ދައްކަން ބޭނުން ބަޔަކު ދައްކާނެ. އެއީ އަޅުގަނޑުމެންނަށް ހުއްޓުވޭނެ ކަމެއް ނޫން." ޝާހިދު ވިދާޅުވި އެވެ.
ޗާގޮސް މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ލިޔުންތައް ހުށަހަލާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަމުންދާއިރު ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ މި މައްސަލައިގެ ލިޔުންތައް މަޖިލީހަށް ހުށަހެޅި ކަމަށް ވިދާޅުވެފަ އެވެ.
ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި މައްސަލަ ކުރިއަށްދާއިރު އާންމު ނުކުރެވޭނެ ލިޔުންތައް ހުންނާނެ ކަމަށެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުންނާނީ ހުށަހަޅާފައި ކަމަށެވެ.
"ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި މައްސަލައެއް ހުށަހެޅިގެންދާއިރުގައި އަޅުގަނޑުމެންނަށް އެ މައްސަލައިގައި ހިމެނޭ ހުރިހާ ކަމެއް އާންމުކޮށް ޕަބްލިކްލީ އެވާހަކައެއް ނުދެއްކޭނެ. އެހެން ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް މި މައްސަލައިގައި އެކި މަރުހަލާތަކުގައި ކަން ހިނގާދިޔަ ގޮތް އަޅުގަނޑުމެން ވާނެ ނޫސްބަޔާން މެދުވެރިކޮށް އާންމުކޮށް ޝާއިއުވެސް ކޮށްފައި،" ރިފްއަތު ވިދާޅުވި އެވެ.
ބަންޑާރަނައިބް ވިދާޅުވީ މައްސަލައިގެ ލިޔުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކަމަށާއި ސިއްރު ހިފަހައްޓަންޖެހޭ ކަންކަން ހިމެނޭތީ އާންމުކޮށް ހުޅުވާލައިގެން މައްސަލަ ކުރިއަށް ދިއުމާއި ހަމައަށް އާންމުނުކުރުމަށް އެދުނު ކަމަށްވެސް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އުސޫލުތައް ހަމަޖެހިފައިވާ ގޮތުން އިޓްލޮސްގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްދާއިރު ހުރިހާ މައުލޫމާތުވެސް ފެންނަ ގޮތަށް ހުންނަ ކަމަށް ވިދާޅުވި އެވެ. ރިފްއަތު ވަނީ މައްސަލައިގެ ޕްލިމިނަރީ އޮބްޖެކްޝަންތައް ހުށަހެޅިގެން ދިޔަ މަރުހަލާގައިވެސް ވެބްކާސްޓް ކުރެވުނުކަން ފާހަގަކުރައްވާފަ އެވެ.
ޖީއެމްއާރު މައްސަލައިގައި އިބްރާހީމް ރިފްއަތު ދިވެހި ދައުލަތާ ދެކޮޅަށް ޖީއެމްއާރްގެ ވަކީލެއްގެ ގޮތުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާތީ ރިފްއަތަކީ ރާއްޖެއަށް އިހްލާސްތެރި ބޭފުޅެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތަށް ރިފްއަތުވެސް ވަނީ ޖަވާބު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އެއްވެސް އިރެއްގައި ޖީއެމްއާރުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރައްވާ ކަމަށެވެ. ޖީއެމްއާރުން ދިވެހި ދައުލަތާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި ލޯކަލް އެކްސްޕާޓް މޯލްޑިވިއަންގެ ލޯގެ ހައިސިއްޔަތުން މަަސައްކަތް ކުރެއްވި ކަމަށާއި އެއީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން ނޫން ކަމަށެވެ.
ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ ޖަރުމަނުގައި ހުންނަ އިޓްލޮސް އަށް ހުށަހެޅީ މޮރިޝަސްގެ ފަރާތުންނެވެ.
އިޓްލޮސްގައި މިހާރު ހިނގަމުންދަނީ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިފާތީ އެ މައްސަލައިގައި ގޮތެއް ނިންމުމާ ގުޅޭ މައްސަލަ އެވެ.
ރާޢްޖެއިން މިހާރު ވަނީ ޑިކޮލޮނައިޒޭޝަނާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައި އޮތް ނިންމުން ތަންފީޒުކުރުމަށް އދގެ އާންމު މަޖިލީހުގެ ވޯޓަކަށް އަލުން ގޮސްފިނަމަ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖެއިން ވޯޓުދޭނެ ކަމަށް ބުނެފަ އެވެ. އެކަން ރާއްޖެއިން ހާމަކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅެއްގަ އެވެ.
މިކަމުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށާއި ރާއްޖޭގެ ސީދާ ބައިވެރިވުން އެ މައްސަލައިގައި ނެތް ކަމަށެވެ.