ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތޯލިބު އެވެ.
ތޯލިބު ހުށަހެޅި ދުސްތޫރީ މައްސަލައިގައި ފާހަގަކޮށްފައިވަނީ މަޖިލީހުގެ ރައީސް ނަޝީދު ކޮޕް-27 ސަމިޓުގައި ސްރީލަންކާ ތަމްސީލު ކުރެއްވުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި މެންބަރުންގެ މަސައްކަތުގައި ރިއާޔަތްކުރަންވީ ކަންކަން ބަޔާންކުރާ މާއްދާ ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން މެންބަރުން އަމަލުކުރަންވާނީ ގައުމީީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރި އެރުވުމަށް މަގާމު ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައިވެ އެވެ.
ގާނޫނު އަސާސީ އާއި ހިލާފަށްކުރާ ކޮންމެ ކަމަކީ ބާތިލުކަމެއްގެ ގޮތުގައި ގާނޫނު އަސާސީއިން ކަނޑައަޅާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައިނުވެ އެވެ.
ކޮޕް ސަމިޓްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފްދުގެ މެންބަރެއްގެ ގޮތުގަ އެވެ. ރައީސް ނަޝީދު ކޮޕް ސަމިޓަށް ފުރާވަޑައިގެންނެވީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.