މިނިސްޓަ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ޑިފެންސް މިނިސްޓަރަށް އަލްވަދާއު ދެންނެވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރާއި އެ މިނިސްޓްރީގެ ބައެއް އިސްބޭފުޅުންނެވެ.
ޑިފެންސް މިނިސްޓަރ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން، އިންޑިއާގެ އަސްކަރިއްޔާގެ ބައެއް އިސްފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތިން ދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރގެ އަރިހުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝާހިދާއި ޑިފެންސް މިނިސްޓްރީގެ ޑިޕާރޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯރޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަބްދުލް މަތީން ބައިވެރިވެލައްވައެވެ.