ރައީސް މުހައްމަދު ނަޝީދު

ހަސަން ކުރުސީއަކީ އަޅުގަނޑެއް ނޫން: ނަޝީދު

ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓަކީ ރައީސް ނަޝީދުގެ ޓްވިޓާ އެކައުންޓެއް ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރައީސް ރޮޒެއިނާ އާދަމް ވިދާޅުވެފައިވަނި ކޮށެވެ.

ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ-ހިޔާލީ ޝަހުސެއް ކަމަށެވެ.

"އޭނާ އަކީ އަޅުގަނޑުގެ ތޮބިއްޔަތު ބަޔާންނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ. އެހެނަސް އޭނާއަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ލިޔުމުން އުފެދުނު ޝަހުސެއް އެ ދަރަޖައަށް އަރައިގެން ދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ. ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ ހަސަން ކުރުސީގެ ނަމުގައި ސޯޝަލް މީޑިއާގައި ޝާއިއުކުރަނީ އެމަނިކުފާނު ނޫން ކަމަށެވެ.

އެލެކްސް އަހުމަދުގެ ނަމުގައި ބޭނުންކުރާ ޓްވިޓާ ހެންޑްލްއަކީ ރައީސް ނަޝީދުގެ ޓްވިޓާ އެކައުންޓެއް ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.