ޕީޕީއެމް

ޓެކްސް ބޮޑުކުރާތީ އިދިކޮޅުން މުޒާހަރާ ކުރަނީ

ރާއްޖޭގައި ޓެކްސްގެ ގޮތުގައި ނަގަމުންދާ އަދަދުތައް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި ބިލް ފާސްނުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން މުޒާހަރާ އަށް ނުކުމެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ އާންމު މެންބަރުން ދަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގެ ކައިރިއަށް އެއްވެ މިއަދު މެންދުރުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. އެމީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ޓިޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ކުރާ މަސައްކަތެވެ.

ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ ބިލް މަޖިލީހުން ފާސްނުކުރަން މުޒާހަރާގެ ބައިވެރިން ގެންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ފުލުހުން ވަނީ މަޖިލިސް ކުރާ ގެ ހިމެނޭ ސަރަހައްދުގައި ތިބީ މުޒާހަރާގެ ބައިވެރިން އެތަނުން ދުރުކޮށްފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖީއެސްޓީ ހަ އިންސައްތަ އިން އަށް އިންސައްތަ އަށް އަދި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކުރުމަށެވެ.

ޓެކްސް ބޮޑުކުރުމުގެ އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މިބިލް މަޖިލީހުން ފާސްކުރުމަށް ބިލް ދިރާސާ ކުރި ކޮމިޓީން ވަނީ ނިންމާފަ އެވެ. ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްވެސް މިއަދު އޮތީ ނިންމާފަ އެވެ.