ޓީ-ބިލް

3.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

ސަރުކާރުން 3.3 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ހަތަރު ޓީބިލެއް ވިއްކަން އިއުލާނުކޮށްފަ އެވެ. އެގޮތުން އެ މިނިސްޓްރީން ޓީބިލް ވިއްކަން ހުޅުވާލީ 28 ދުވަހުން އަނބުރާ ދެއްކަމަށް 445 މިލިއަން ރުފިޔާގެ ޓީބިލާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 262.7 މިލިއަން ރުފިޔާގެ ޓީބިލެވެ.

މީގެއިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 970.8 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ހުޅުވާލާފައިވާއިރު 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 1.69 ބިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޓީބިލްގެ ސެޓްލްމަންޓް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިމަހުގެ 21 ވަނަ ދުވަހެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ރާއްޖޭގައި މިހާރު ޓީބިލްގެ ރޭޓްތައް އުޅޭ ގޮތުން 28 ދުވަހަށް ޓީބިލެއް ވިއްކަނީ 3.50 ޕަސެންޓުގަ އެވެ. އަދި 98 ދުވަހަށް 3.87 ޕަސެންޓުގައި ޓީބިލް ވިއްކާއިރު 182 ދުވަހަށް ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގަ އެވެ. މީގެ އިތުރުން 364 ދުވަހަށް ޓީބިލް ވިއްކަނީ 4.6 ޕަސެންޓުގަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިމަހުގެ ހަތްވަނަ ދުވަހު 1.52 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.