ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އަށް ބަޔަކު ހަމަލާ ދީފި އެވެ.
ޝިމާޒަށް މިރޭ ގުރޫޕަކުން ހަމަލާ ދިނީ މަގުމަތިން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް އެނގިފައެއް ނުވެ އެވެ.
ޝިމާޒަށް ހަމަލާ ދިން މައްސަލަ މިރޭ ފުލުހުންނަށް ހުށަހަޅާފައިވާތީ ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޝިމާޒަށް ހަމަލާ ދިން މައްސަލައިގައި އޭނާގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. އެކަމަކު ޝިމާޒް ނިސްބަތްވާ އެމްއާރްއެމް އިން ވަނީ އޭނާއަށް ހަމާލާދީފައިވާ ކަން ޔަގީންކޮށްދީފަ އެވެ.
އެމްއެމްއާރް އިން މިރޭ ބުނީ އެ ޕާޓީގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވަމުން ގެންދަވާ ޝިމާޒަށް ބަޔަކު ހަމަލާދީފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ހަމަލާ ދިން ބަޔަކު ހޯދައި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް އެމްއާރްއެމް އިން ގޮވާލާފައިވެ އެވެ.
ބަޔަކު މީގެކުރިން ވަނީ ޝިމާޒަށް އިންޒާރުދީ އޭނާގެ ސައިކަލްގެ މަޑި ވެސް ކަފާލާފަ އެވެ.
ޝިމާޒަށް މިރޭ ހަމަލާދީފައި މިވަނީ އޭނާއާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެއްގަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ވެހިކަލްއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ޝިމާޒަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް މިނިސްޓަރު ކުރައްވާ ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެ ތުހުމަތުތައް ޝިމާޒު ދޮގުކުރައްވަ އެވެ.