ރާއްޖެ ކުޅިވަރު

ރާއްޖެ އާއި އިންޑިޔާ އަދި ލަންކާ އެއް ގްރޫޕަކަށް

އަންނަ މަހު އިންޑިޔާގައި ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅައިގައި ރާއްޖެ އާއި އިންޑިޔާ އަދި ލަންކާ އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

ގްރޫޕް އޭގައި މި ތިން ގައުމު ހިމެނޭއިރު ނޭޕާލާއި ބަނގްލަދޭޝް އަދި ބޫޓާނާއި އަފްގާނިސްތާން ހިމެނެނީ ގްރޫޕް ބީގަ އެވެ. މުބާރާތުގައި ޕާކިސްތާން ބައިވެރިނުވާން ވަނީ ނިންމާފަ އެވެ.

ދެކުނު އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ އަންހެން ބައިގައި ވާދަކުރަނީ ހަ ގައުމަކުންނެވެ. މި ގައުމުތައް ދެ ގްރޫޕަކަށް ބަލާލުމުން ރާއްޖެ ހިމެނެނީ ލަންކާ އާއި ނޭޕާލާއެކު ގްރޫޕް އޭގަ އެވެ. ބީ ގްރޫޕުގައި ހިމެނެނީ އިންޑިޔާ އާއި އަފްގާނިސްތާން އަދި ބަނގްލަދޭޝް އެވެ.
އަންހެން ބައިގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ކުޅެން ޖެހޭނީ ނޭޕާލާ އެވެ.

ގައުމީ އަންހެން ޓީމު މުބާރާތުގައި ވާދަކުރާނެކަން ޔަގީންވީ އިއްޔެ އެވެ. ސަރުކާރުގެ ހަރަދުގައި ޓީމު ގޭމްސް އަށް ފޮނުވައިދޭން ނިންމެވީ ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމެވެ. މިހެންވެ އެމަނިކުފާނަށް އެފްއޭއެމުން ވަނީ ޝުކުރު ދަންނަވާފަ އެވެ.

އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެފައިވަނީ ރައީސްގެ މިނެންވުމަކީ އެމަނިކުފާނު ކުޅިވަރަށް ބަހައްޓަވާ ޝައުގުވެރިކަމާއި ކުޅިވަރު ކުރިއަރުވަން ދެއްވާ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެ.