ކޯސްޓް ގާޑް

ރާއްޖެ ސަރަހައްދުގައި އުޅުނު ލަންކާ މަސް ބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ މަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އިއްޔެ ހިފަހައްޓައިފި އެވެ.

މި ބޯޓު ހިފަހައްޓާފައިވަނީ ކ. ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން އިއްޔެ ހަވީރު 5:25 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ބޯޓު ދިއްފުށީ ކައިރިން ފެނިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ "އަސަރީ" ނަމަކަށް ކިޔާ ދިވެހި ދޯންޏަކުންނެވެ.

ބޯޓުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް އެ މަސްބޯޓު ހޯދައި، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މި ބޯޓު ފުލުހުންނާ ހަވާލުކުރެވިފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ބޯޓު އަތުލައިގަނެވުނުއިރު އެ ބޯޓުގައި ލަންކާގެ ފަސް މީހަކު ތިބި ކަމަށް ފުލުހުން ބުނެފައިވެ އެވެ.