ހައިކޯޓުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިސެސްއަށް ދާން ނިންމައިފި އެވެ.
ހައިކޯޓުން ބުނީ އެ ކޯޓުގެ ގަވާއިދުގެ ދަށުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިސެސްއަށް ދިޔުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ކޯޓު ރިސެސްއަށް ދިޔަ ނަމަވެސް ބައެއް ބާވަތުގެ މައްސަލަތައް ބެލުމަށް ވަނީ ނިންމާފަ އެވެ.
އެ ގޮތުން ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތައް ކުރިއަށް ގެންދާނެ ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.