ފިނޭންސް މިނިސްޓްރީ

ޓެކްސް ނޫން އާމްދަނީގެ އަމާޒަށް

ދައުލަތަށް މިއަހަރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް އާމްދަނީ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ޓެކްސް ނޫން އާމްދަނީ އިން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 6.4 ބިލިއަން ރުފިޔާ އެވެ. މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ 6.5 ބިލިއަން ރުފިޔާ ލިބިފަ އެވެ.

މީގެ ކުރިން 2021 ވަނަ އަހަރާއި 2020 ވަނަ އަހަރު ޓެކްސް ނޫން އާމްދަނީގެ އަމާޒު ހާސިލުކުރެވިފައެއް ނުވެ އެވެ. ނަމަވެސް 2019 އަދި 2018 ވަނަ އަހަރު އަންދާޒާކުރި ޓެކްސް ނޫން އާމްދަނީގެ އަމާޒު ހާސިލުވި އެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ރިސޯޓު ކުލީގެ އިތުރުން ޖޫރިމަނާވެސް ހިމެނެ އެވެ.

ރިސޯޓު ކުލީގެ ގޮތުގައި މިއަހަރު 1.5 ބިލިއަން ރުފިޔާ ލިބުނުއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 720.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ރަޖިސްޓްރޭޝަން އަދި ލައިސަންސް ފީގެ ގޮތުގައި 716 މިލިއަން ރުފިޔާ ލިބުނުއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޓްގެ ގޮތުގައި 597.8 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.

ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް 22.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދައުލަތުން އަންދާޒާކުރި ޓެކްސް އާމްދަނީގެ އަމާޒު އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ވަނީ ހާސިލުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ޓެކުހުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 15.3 ބިލިއަން ރުފިޔާ އެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިހާތަނަށް 16.9 ބިލިއަން ރުފިޔާއާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.