ވަރަށް ގިނަ ހިންދީ ފިލްމުތަކާއި ޑްރާމާތައް ކުޅެފައިވާ އެކްޓަރު ވިކްރަމް ގޯކްލޭ މަރުވެއްޖެ ކަމަށް އިންޑިޔާގެ ނޫސްތަކުން ޚަބަރު ފެތުރި ނަމަވެސް އެ ވާހަކަ އޭނާގެ އާއިލާއިން ދޮގުކޮށްފި އެވެ. ވަރަށް ހާލުބޮޑުވެގެން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދާ ވިކްރަމް މަރުވެއްޖެ ކަމަށް ނޫސްތަކުން ބުނި ނަމަވެސް ވިކްރަމްގެ އަންހެނުން ރުޝާލީ ބުނި ގޮތުގައި ވިކްރަމް އަދި މަރެއް ނުވެ އެވެ.
"އިއްޔެ ހަވީރު ކޯމާ އަށް ދިޔަ ގޮތަށް މިހާރު ކިތަންމެ ގޮވިޔަސް އިޖާބައެއް ނުދޭ. އަދިވެސް އޮތީ ވެންޓިލޭޓަރުގައި. ބުރާސްފަތި ދުވަހު ހެނދުނު ޑޮކްޓަރުން ނިންމާނީ ހަދާނެ ގޮތެއް،" ވިކްރަމްގެ އަންހެނުން ބުންޏެވެ.
ވިކްރަމް އަންހެނުން އިތުރަށް ބުނި ގޮތުގައި އުމުރުން ދުވަސްވެ ވިކްރަމްގެ ހިތާއި ކިޑްނީއަށް ވަނީ މައްސަލަތައް ދިމާވެފަ އެވެ. އަދި އެތެރެހަށީގެ ގިނަ ގުނަވަންތައް ވަނީ ފެއިލްވެފަ އެވެ.
ވިކްރަމްގެ އަންހެން ދަރިފުޅު ވެސް ބުނީ އޭނާގެ ބައްޕަ އޮތީ ލައިފް ސަޕޯޓްގައި ނަމަވެސް އަދި ފުރާނަ ނުދާ ކަމަށެވެ.
ވިކްރަމް އަކީ މަރާޓީ ތިއޭޓަރާއި އަދި ފިލްމުތަކުގައި މަސައްކަތްކުރި ޗަންދުރަކާންތު ގޯކްލޭގެ ދަރިއެކެވެ. މަރާޓީ އާއި ހިންދީ ފިލްމު އިންޑަސްޓްރީން އުފެއްދި ގިނަ ފިލްމުތަކުގައި ވިކްރަމް ބައިވެރިވެފައި ވެއެވެ.
ވިކްރަމް ބޮލީވުޑަށް ތައާރަފްވީ 1971ގައި އަމީތާބު ބައްޗަން ބަތަލުގެ ބައި ކުޅުނު "ޕަރްވާނާ" އިންނެވެ. އޭރު އޭނާގެ އުމުރުން 27 އަހަރެވެ.
"ހަމް ދިލް ދޭ ޗުކޭ ސަނަމް"ގައި އައިޝްވަރިޔާ ރާއީގެ ކެރެކްޓާ ނަންދިނީގެ ބައްޕަގެ ރޯލު ކުޅެފައިވަނީ ވިކްރަމް އެވެ. މި ނޫނަސް ގިނަ އަދަދެއްގެ ފިލްމުތަކުގައި ވިކްރަމް ބައްޕަ ބަޔާއި ނުބައިބައި ކުޅެފައި ވެއެވެ. އަދި ޓީވީ ސީރީޒްތަކުގައި ވެސް ބައްޕަގެ ރޯލު ކުޅެފައި ވެއެވެ.
ފަހުގެ ފިލްމުތަކުގެ ތެރެއިން "ބޫލް ބުލައްޔާ"، "ދިލް ސޭ"، "ދޭ ދަނާ ދަން" އަދި "މިޝަން މަންގަލް" ގައި ވިކްރަމް ވަނީ މޮޅު ބައިތަކެއް ކުޅެފަ އެވެ.