އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއިސީ) ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސައުދީ އަރަބިއްޔާއަށް މާދަމާ ވަޑައިގަތުމަށް ނިންމަވައިފި އެވެ.
މާދަމާ ސައުދީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅޭގޮތުން މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަނާ ވިދާޅުވީ، އޯއިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި އެ ބައްދަލުވުމަށް މާދަމާ ވަޑައިގަންނަވާނެ ކަމަށެވެ.
ދުންޔާ ވިދާޅުވީ، ބައްދަލުވުމަށް ދެ ކަމެއް އެޖެންޑާ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ސައުދީ އާއި އީރާންއާ ދެމެދުވެރިވެފައިވާ ނުތަނަވަސްކަމާއި ބެހޭގޮތުން މަޝްވަރާކުރުން، ކަމަށެވެ.
ދެ ގަައުމުގެ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން އެކި ތަންތަނަށް ހަމަލާތަކެއް ދެވިފައިވާއިރު އެކަންތައްތަކަކީ ރާއްޖެއިން ކުށްވެރިކުރާ ކަންތައްތަކެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"ތެހެރާންގައި ހުންނަ ސައުދީ ޑިޕްލޮމެޓިކް މިޝަންތަކަށް ދެވުނު ހަމަލާތައް އަޅުގަނޑުމެން ވާނީ ކުށްވެރިކޮށް އެކަމާއި ގުޅޭ ސްޓޭޓްމެންޓެއްވެސް ނެރެފައިވާނެ،" ދުންޔާ ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި މަޝްވަރާކުރުމަށް އެޖެންޑާ ކޮށްފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ހިނގަމުންދާ ޖަރީމާތަކާ ގުޅޭ ގޮތުންނެވެ. ދުންޔާ ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ދިފާއުގައި އޮންނަ ގައުމެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވާ ލާއިންސާނީ ހަމަލާތައް ކުށްވެރިކުރާ ގައުމެއް ކަމަށެވެ.
"ރާއްޖެއަކީ ފަލަސްތީނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް އަބަދުވެސް ވާހަކަ ދައްކާ ގައުމެއް، ފަލަސްތީނުގެ މިކަހަލަ މުހިންމު ކަމަކާއި ގުޅޭގޮތުން މަޝްވަރާ ކުރާ ޖަލްސާއެއްގެ މޭޒު ކައިރީ ދިވެހިރާއްޖެއިން ތިބުމަކީ މުހިއްމުކަމެއް ކަމުގައި ރައީސް ޔާމީން ދެކިވަޑައިގަންނަވާ،" ދުންޔާ ވިދާޅުވިއެވެ.
މީގެއިތުރުން ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާ ނުވަތަ ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) ގެ މުރަޖާ ކުރާ ކޮމެޓީގެ މިހާރު ކުރިއަށްދާ ބައްދަލުވުމުގައި މިއަދު ރާއްޖެ ރިވިއު ކުރާނެ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ، ބައެއް ކަހަލަ މައްސަލަތައް ހުރި ނަމަވެސް ރާއްޖެއަކީ ދެކުނު އޭޝިއާގައި އެންމެ ތަރައްގީވަމުން އަންނަ ގައުމު ކަމަށާއި ކުޑަކުދިންގެ ހައްގުތަކުގެ ދާއިރާގައި ރާއްޖެ ވަނީ އެހެން ގައުމުތަކާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށެވެ.
ރިވިއު ކުރުމުގައި ގައުމުތަކުންނާއި، ޔޫއެންގެ ފަރާތްތަކުން އަދި ގައުމީ ހިއުމަން ރައިޓްސް ކޮމިޝަންތަކުންނާއި މަދަނީ ޖަމިއްޔާތަކުން ފޮނުވާ ރިޕޯޓުތަކާއި އަދި ކޮމެޓީ ބައްދަލުވުމުގައި ދައުލަތުގެ ފަރާތުން ބައިވެރިވެ ކޮމިޓީއާއެކު ކުރެވޭ މަޝްވަރާތަކަށް ބަލާނެއެވެ. އޭގެ ފަހުން ގައުމުތަކުގެ ކުޑަކުދިންގެ ހައްގުތަކުގެ ދާއިރާގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކުރުމަށްފަހު ކޮމެޓީއިން ހުށަހެޅުންތަކެއް ނުވަތަ ނިންމުންތަކެއް ހުށަހަޅާނެ އެވެ.