ބަޖެޓު 2023

އަންނަ އަހަރަށް 42.8 ބިލިއަންގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވިއިރު ބަޖެޓު ފާސްކުރުމާއި ދެކޮޅަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަންނަ އަހަރަށް ލަފާކޮށް ބަޖެޓު މަޖިލީހަށް ހުށަހެޅީ އޮކްޓޫބަރު 31 ވަނަ ދުވަހު އެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީ މަރުހަލާގައި ބަޖެޓު ކޮމިޓީން ވަނީ 160 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފަ އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.

އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ 32.1 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 7.7 ޕަސެންޓެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ އެހީއާ ނުލައި އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 29.9 ބިލިޔަން ރުފިޔާ އެވެ.