ގްރީން ޓެކްސް

ގްރީން ޓެކްސްގެ އާމްދަނީ އަމާޒަށް

ގްރީން ޓެކްސްގެ ގޮތުގައި މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް އާމްދަނީ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް ވަނީ 831.4 މިލިއަން ރުފިޔާ ލިބިފަ އެވެ. ގްރީން ޓެކްސް ގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 823.7 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ނަގާ ޓެކުހެކެވެ. ގްރީން ފަންޑުން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގްރީން ފަންޑްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ފަންޑުން 539 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައިވެ އެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން މިހާރު ގްރީން ޓެކްސް ނަގާނީ އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ހަ އެމެރިކާ ޑޮލަރުގެ ރޭޓުގައެވެ. އަދި ޓޫރިސްޓު ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުގައެވެ.